އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އާސެނަލްއިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. އެ މޮޅަކީ ލީގުގައި، އާސެނަލްއަށް ޔުނައިޓެޑްގެ ދަނޑުގައި 2006 ވަނަ އަހަރަށްފަހު ހޯދުނު ފުރަތަމަ މޮޅެވެ. އޭގެ އިތުރުން ރޭގެ މޮޅަކީ ގިނަ ދުވަސްތަކެއް ފަހުން ބޮޑު ޓީމެއްގެ ދަނޑުގައި އާސެނަލްއަށް ހޯދުނު ފުރަތަމަ މޮޅެވެ. ރޭގެ މެޗުގެ ކުރިން އެޓީމުން ގަދަ ހައެއްގެ ޓީމުތަކުގެ ދަނޑުގައި ކުޅެގެން އެންމެފަހުން މޮޅެއް ހޯދުނީ 29 މެޗު ކުރިންނެވެ.

ރޭގެ މެޗަށް ނުކުތްއިރު އާސެނަލްގެ ކެޕްޓަން ޕިއޭ އެމްރިކް އަބަމަޔާން އަށް އެންމެފަހުން ކުޅުނު ފަސް މެޗުގައިވެސް ގޯލް ޖެހިފައެއް ނުވެއެވެ. އާސެނަލްއިން ރަނގަޅު ޑިފެންސިވް ރެކޯޑެއް ދަމަހައްޓަމުން ދިޔަ ނަމަވެސް، އެޓީމަށް ގޯލް ނުޖެހުމަކީ ދިމާވެފައިވާ މައްސަލައެކެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފްވެސް ފެނުނީ މަޑު ރާގެއްގައި ދެޓީމުންވެސް ކުޅުނުތަނެވެ. އެޓޭކިން ކުޅުމެއް މެޗުގައި މަދު ފަހަރަކު ފެނުނުއިރު، އާސެނަލްގެ ގޯލް ޖެހީ 69 ވަނަ މިނެޓުގައެވެ.

ޔުނައިޓެޑްގެ އޭރިއާ ތެރެއިން ޕައުލް ޕޮގްބާ، އާސެނަލްގެ ހެކްޓާ ބެލަރިންއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ފަސޭހަކަމާއެކު ކާމިޔާބުކުރީ އަބަމަޔާން އެވެ.

އާސެނަލްގެ ގޯލަށްފަހު ޔުނައިޓެޑުން ޕޮއިންޓަކަށް މަސައްކަތް ކުރިއެވެ. އަލަށް ޓީމާ ގުޅުނު އެޑިސަން ކަވާނީ އާއި ނެދަލޭންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެންޑަ ބީކް ކުޅުމަށް ނެރެ އެޓޭކްތައް އުފައްދަން މަސައްކަތް ކުރިއިރު، ވެންޑަ ބީކްގެ ހަމަލާ އާސެނަލްގެ މުހައްމަދު އެލްނެނީގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮސް ޖެެހުނީ ގޯލްކީޕަރު ބާންޑް ލެނޯގެ މޫނުގައެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ މެދުތެރެއިން ބޮޑެތި މައްސަލަތަކެއް ފާހަގަވެގެން ދިޔައެވެ. ހާއްސަކޮށް ޕޮގްބާގެ ފަރާތުން ފެނުނީ ދަށް ކުޅުމެވެ. ގިނަ ފަހަރު ބޯޅަ ގެއްލުވާލައި، ޕެނެލްޓީއަށް ކުރި ފައުލާ ގުޅިގެން ޕޮގްބާއަށް ވަނީ ފާޑުކިޔުންވެސް އަމާޒުވެފައެވެ.

މެޗުން މޮޅުވި އާސެނަލްއަށް ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު އޮތީ ނުވަ ވަނައިގައެވެ. ޔުނައިޓެޑަށް ހަ މެޗުން ހަތް ޕޮއިންޓް ލިބި، އެޓީމު އޮތީ ތާވަލުގެ 15 ވަނައިގައެވެ.