އިންގްލެންޑާއެކު ވޯލްޑް ކަޕް ހޯދި މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ސާ ބޮބީ ޗާލްޓަން އަށް ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލި ޖެހިއްޖެއެވެ.

ބޮބީ ޗާލްޓަންއަށް ހަނދާން ނެތޭ ބަލި ޖެހުނުކަން އިއުލާން ކުރީ މިއަދު އެވެ. މިއަހަރު ޖުލައިމަހު މަރުވި އޭނާގެ ބޭބެ ޖެކް އަދި މިދިޔަ ހުކުރު ދުވަހު މަރުވި ޓީމް މޭޓް ނޮބީ ސްޓައިލްވެސް ވަނީ ހަނދާން ނެތޭ ބަލި ތަހައްމަލު ކޮށްފައެވެ. އެ ދެކުޅުންތެރިންނަކީވެސް ބޮބީ ޗާލްޓަންއާއެކު ވޯލްޑް ކަޕް އުފުލައިލި ކުޅުންތެރިންނެވެ.

އުމުރުން 83 އަހަރުގެ ބޮބީ ޗާލްޓަން ވަނީ 17 އަހަރު ދުވަހު ޔުނައިޓެޑަށް ކުޅެ، ތިން ފަހަރަށް ލީގު ކާމިޔާބުކޮށް، ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައި، އެފްއޭ ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އޭނާގެ ކެރިއަރު ނިންމައިލީ ޕްރެސްޓަން އާއި އަޔަލޭންޑްގެ ވަޓަފޯޑަށްވެސް ކުޅެފައެވެ.

ބޮބީ ޗާލްޓަން ޔުނައިޓެޑާ ގުޅުނީ 1953 ވަނަ އަހަރުއެވެ. އެ ކްލަބަށް ކުޅުނު 758 މެޗުން 249 ގޯލް ޖަހައިދީފައި ވެއެވެ. ގިނަ ޒަމާންތަކެއް ވަންދެން ބޮބީ ޗާލްޓަންއަކީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. ބޮބީ ޗާލްޓަންގެ ރެކޯޑު މުގުރާލީ 2017 ވަނަ އަހަރު ވޭން ރޫނީއެވެ.

2015 ވަނަ އަހަރާ ހަމައަށް އިންގްލެންޑް ގައުމީ ޓީމަށްވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތީ ބޮބީ ޗާލްޓަން އަތުގައެވެ. އެ އަހަރު ބޮބީ ޗާލްޓަންގެ ރެކޯޑު މުގުރާލީ ވޭން ރޫނީއެވެ.

ބޮބީ ޗާލްޓަންއަކީ 1958 އަހަރު ހިނގި މިއުނިކް ފްލައިޓް ވެއްޓުމުގެ ހާދިސާގައި ސަލާމަތްވި ކުޅުންތެރިއެކެވެ. އޭރު އުމުރުން 20 އަހަރުގެ ބޮބީ ޗާލްޓަންއާއެކު ދަތުރުކުރި 23 މީހުން އެ ހާދިސާގައި މަރުވިއިރު، އޭނާއާއެކު ޔުނައިޓެޑަށް ކުޅެމުންދިޔަ އަށް ކުޅުންތެރިޔަކުވެސް މަރުވިއެވެ.

ބީބީސީގެ ސްޕޯޓްސް ޕާސޮނާލިޓީ އޮފް ދަ އިޔާ ދެފަހަރަށް ހޯދައި، 2008 ވަނަ އަހަރު ބީބީސީގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑުވެސް ހޯދި ބޮބީ ޗާލްޓަންގެ ޝަރަފުގައި ޔުނައިޓެޑުން ވަނީ 2016 ވަނަ އަހަރު ކްލަބުގެ ދެކުނު ފަރާތު ގޮނޑިބަރީގެ ނަން ސަރ ބޮބީއަށް ބަދަލުކޮށްފައެވެ.