ކޮވިޑް 19 ޖެހިގެން ދެ ހަފްތާއަށް ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައި މެޗުގައި ދެ ގޯލް ޖަހައި، ކްރިސްޓިއާނޯ ރޮނާލްޑޯ ތަފާތު ދައްކައިފިއެވެ.

ރޭ ޔުވެންޓަސްއިން ރަށުން ބޭރުގައި ސެރެއާ އޭ ގައި އަލަށް ވާދަކުރާ ޕޭޒިއާއާ ދެކޮޅަށް ކުޅެ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. އުމުރުން 35 އަހަރުގެ ރޮނާލްޑޯ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ދެ ގޯލް ޖަހައި، މެޗު އަނބުރާލުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި އަލްވާރޯ މޮރާޓާގެ ގޯލުން ޔުވެންޓަސްއިން ލީޑު ނެގި ނަމަވެސް، ޕޭޒިއާއިން ވަނީ ހާފް ނިމެން ދަނިކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޕޮބޭގާގެ ގޯލުން އެޓީމުން ނަތީޖާ ހަމަހަމަ ކުރިއިރު، ދެވަނަ ހާފް ފެށިގެން ފަސްވަރަކަށް މިނެޓް ތެރޭގައި ޕައުލޯ ޑީބާލާގެ ބަދަލުގައި ރޮނާލްޑޯ ކުޅެން ނުކުތެވެ.

ކޮވިޑާއި ގުޅިގެން ހަތަރު މެޗު ގެއްލުމަށްފަހު ރޮނާލްޑޯ އަނބުރާ ދަނޑު މައްޗަށް ނުކުމެ ތިން މިނެޓެއްހާއިރު ތެރޭގައި ފުރަތަމަ ގޯލް ޖެހިއެވެ. ގޯލްކީޕަރު ކައިރިން ނައްޓާލުމަށްފަހު އެ ގޯލް ޖެހިއިރު، ރޮނާލްޑޯގެ ދެވަނަ ގޯލަކީ އެޑްރިއަން ރެބިއޮޓްގެ ގޯލަށްފަހު ޖެހި ޕެނެލްޓީއެވެ.

މެޗަށްފަހު ރޮނާލްޑޯ ބުނެފައި ވަނީ އަނބުރާ ދަނޑު މައްޗަށް ނުކުތުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި، ހިތްވަރާއެކު ކުރިއަށްދާނެ ކަމަށެވެ. ޕޯޗުގަލް ގައުމީ ޓީމާއެކު ކުޅެނިކޮށް، ރޮނާލްޑޯއަށް ކޮވިޑް ޖެހުމާއެކު އޭނާ ވަނީ އަމިއްލަ ޖެޓުގައި އިޓަލީއަށް ގޮސްފައެވެ. ރޮނާލްޑޯއަށް ގެއްލުނު އެންމެ ބޮޑު މެޗަކީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސްއިން ކުޅުނު މެޗެވެ. އެ މެޗުގެ 24 ގަޑިއިރު ކުރިން ޓެސްޓް ހެދިއިރުވެސް ރޮނާލްޑޯ ވަނީ ޕޮޒިޓިވް ވެފައެވެ.

ރޭގެ މެޗުން މޮޅުވެ ޔުވެންޓަސް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. އެކަމަކު އަދިވެސް އެޓީމު އޮތީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް އޭސީ މިލާނަށްވުރެ 12 ޕޮއިންޓް ފަހަތުގައެވެ.