މިދިޔަ 24 ގަޑިއިރު ތެރޭ 42 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 11،701 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި 23 ބިދޭސީން ކަމަށެވެ.

މިއަދު މާލެ ސަރަހައްދުން 20 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އަތޮޅުތެރެއިން 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި 17 މީހަކު ހިމެނެއެވެ. އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރާ މީހަކު ކޮވިޑް ޖެހިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ މަރުވުމާއެކު އެ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިންނެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 69 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 10،883 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 773 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 243 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 51 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 38 މީހަކު ވަނީ މަރުވެފައެވެ. އެއީ 32 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.