ތިލަފުއްޓާއި ގުޅިފަޅުން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން އެ ދެރަށުގެ ފަޅުތެރޭ އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ތިލަފުއްޓާއި ގުޅިފަޅުން ބިން ކުއްޔަށް ނަގައިގެން އުޅޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން އެ ދެރަށުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް މިއަދުން ފެށިގެން 90 ދުވަހުގެ ތެރޭގައި ނެގުމަށް އަންގާ ކަމަށެވެ.

އެޗްޑީސީން ބުނީ ދީފައިވާ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގާނަމަ، އެކުންފުނިން އެތަކެތި ނަގާނެ ކަމަށާއި އެ އުޅަނދުތައް ނެގުމުގެ ތެރޭގައި އުޅަނދަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެކުންފުނިން ނުނަގާނެ ކަމަށެވެ.

ތިލަފުށި ހިންގަމުންގެންދާ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އާއި އެޗްޑީސީ އެއްކޮށްލަން ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި އެކަމުގެ މަސައްކަތްތައް ވަނީ އެ ދެކުންފުނިން ފަށައިފައެވެ.