އިންޑިއާގެ ގޯއެއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.

ގޯއެއާގެ ދަތުރުތައް ރާއްޖެއަށް ފެށީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެދު ތެރެއިން ދަތުރުތައް ހުއްޓާލުމަށްފަހު އަލުން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލީ ކޮވިޑް 19އާ ގުޅިގެން މާޗް މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުންނެވެ.

ގޯއެއާގެ ދަތުރުތައް އަލުން ފަށައި، ފުރަތަމަ ފްލައިޓް ރާއްޖެ އައީ މިއަދު މެންދުރު އެވެ. މިއީ ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި އަލުން ހުޅުވާލި ފަހުން އިންޑިއާ އިން ރާއްޖެއަށް ދަތުރުތައް ފެށި ތިން ވަނަ އެއާލައިނެވެ.

މީގެ ކުރިން އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އަދި އިންޑިގޯގެ ދަތުރުތައް ރާއްޖެއަށް ވަނީ ފަށައިފަ އެވެ. އަދި މިމަހުގެ ތެރޭގައި އެގައުމުގެ ސްޕައިސްޖެޓްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

އިންޑިއާއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މުހިންމު މާކެޓެކެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރުގެ އޮގަސްޓް މަހާ ހަމައަށް އިންޑިއާ އިން 35000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެ އެވެ. އެއީ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެކެވެ.

އޭގެ އިތުރުން ރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަހުން ފެށިގެން މިދިޔަ އޮކްޓޯބަރު މަހުގެ 28ގެ ނިޔަލަށް އިންޑިއާއިން 1559 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ގޯއެއާ އާއެކު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން މިހާތަނަށް 19 އެއާލައިނެއްގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު މިމަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނެއްގެ ދަތުރުތައް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެއީ ބަހުރެއިންގެ ގައުމީ އެއާލައިން، ގަލްފު އެއާ އާއި އިންޑިއާގެ ސްޕައިސްޖެޓުގެ އިތުރުން ރަޝިއާގެ ދެ އެއާލައިނެއް ކަމަށްވާ ނޯޑްވިންޑް އަދި އަޒުރް އެއާ އެވެ.