ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ޑިއޭގޯ ޖޮޓާ ޖެހި ގޯލާއެކު ވެސްޓް ހަމް ބަލިކޮށް، ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ލިވަޕޫލްގެ ސްޓޭޑިއަމް، އެންފީލްޑްގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ހީރޯއަކީ މި ސީޒަނަށް ވުލްވްސްއިން ލިވަޕޫލަށް ބަދަލުވި ޕޯޗުގަލްގެ ތަރި ޖޮޓާއެވެ. އެންމެފަހުން ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު ތިން މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖޮޓާ ވަނީ ގޯލް ޖަހައިފައެވެ. އޭގެ ތެރެއިން ދެ މެޗުގައި އޭނާ ޖެހީ ޓީމު މޮޅު ކޮށްދިން ގޯލެވެ.

ރޭ ކުޅުނު ފޯރި ގަދަ މެޗުގައި ލީޑު ނެގީ ވެސްޓްހަމް އިންނެވެ. ސްޕެނިޝް މިޑްފީލްޑަރު ޕަބްލޯ ފޯނަލްސްގެ ހިތްގައިމު ގޯލާއެކު ވެސްޓްހަމްއިން ލީޑު ނެގީ ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޮމޭޒްގެ ގޯހެއްގެ ބޭނުން ހިފައިގެންނެވެ. ލިވަޕޫލްގެ އެންމެ ވަރުގަދަ ޑިފެންޑަރު ވާޖިލް ވެންޑައިކްގެ ކަކުލަށް ލިބުނު އަނިޔާއާއެކު ކާމިޔާބު ސާޖަރީއެއްވެސް ހަދާފައިވާއިރު، މި ސީޒަންގައި ލިވަޕޫލަށް ޑިފެންޑަރުގެ މައްސަލަ ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ހާފް ނިމެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށެވެ. މުހައްމަދު ސޮލާހް ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނެލްޓީ އަކުންނެވެ. އެ ޕެނެލްޓީއަކީ ސަލާހަށް އަރުތޫރު މަސުއަކޫ ކުރި ފައުލަށް ލިބުނު ޕެނެލްޓީއެކެވެ.

ލިވަޕޫލުން ދެވަނަ ގޯލަކަށް ގިނަ މަސައްކަތަކެއް ކުރިއިރު، ލީޑު ނެގީ 85 ވަނަ މިނެޓުގައެވެ. 41 މިލިއަން ޕައުންޑަށް ލިވަޕޫލަށް ގެންދިޔަ ޖޮޓާއަށް އެ ފުރުސަތު ފަހިކޮށްދިނީ ޒެރްދާން ޝަގީރީގެ ހިތްގައިމު ޕާހަކުންނެވެ.

ރޭގެ މެޗުން މޮޅުވި ލިވަޕޫލަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށްވުރެ މެޗެއް މަދުން ކުޅެގެން ދެވަނައިގައި އޮތް އެވަޓަންއަށް ލިބެނީ 13 ޕޮއިންޓެވެ. އެވަޓަން މިރޭ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، އަނެއްކާވެސް އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އޮންނާނެއެވެ.