މި ހަފްތާގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީން ކުޅުނު މެޗުތައް ކާމިޔާބުކޮށްފި އެވެ.

ޗެލްސީން ފަސޭހަކަމާއެކު 3-0ގެ ނަތީޖާއަކުން ބާންލީގެ މައްޗަށް ކުރިހޯދި އިރު، ސިޓީން ޝެފީލްޑް ޔުނައިޓެޑް ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ.

ސިޓީން މިއަދު ކުޅުނު މެޗުގެ ހަމައެކަނި ގޯލް އެޓީމަށް ޖަހައިދިނީ ކައިލް ވޯކާ އެވެ. ވޯކާއަށް މިއަދުގެ މެޗު ހާއްސަވީ އޭނާ ޕްރިމިއާ ލީގުގައި ކުޅޭ 100 ވަނަ މެޗަށްވުމުގެ އިތުރުން ޝެފީލްޑަކީ އޭނާގެ ކެރިއަރުގެ އެންމެ ފުރަތަމަ ކުލަބް ކަމަށްވާތީ އެވެ. ރޭގެ މެޗުގައި ވޯކާ ޖެހި ގޯލަކީ ދުރުން އޭނާ ޖެހި ހިތްގައިމު ގޯލެކެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތަކެއް އުފެންދި ސިޓީއަށް ދެވަނަ ގޯލެއް ޖަހަން އުނދަގޫވީ ގިނަ ފުރުސަތުތަކެއް ބޭކާރުވެގެން ދިޔުމުންނެވެ. ޝެފީލްޑުގެ ގޯލްކީޕަރު އެރޮން ރަމްސްޑޭލް މެޗުގައި މުހިއްމު ސޭވްތަކެއް ކުރި އިރު، ސިޓީގެ ފޯވަޑަށް މިއަދުގެ މެޗުގައި ކުޅުނު ފެރަން ޓޮރޭސް އާއި ރިޔާޒް މަހަރޭޒުގެ ހަމަލާތައް ދިފާއުކުރުގައި އެރޮންގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ އެވެ.

ޝެފީލްޑުގެ އެންމެ ފަހު ފުރުސަތު ދެވަނަ ހާފުގައި ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ޖޯން ލަންސްޓްރޯމް އަށެވެ. އަރިމަތިން ސޭންޑާ ބާގްސް ވަދެ ނަގައިދިން ރީތި ހުރަސް ލަންސްޓްރޯމް ފޮނުވާލި ނަމަވެސް، ހަމަލާ ދިޔައީ މަތިން ބޭރަށެވެ.

ޗެލްސީން ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޯލަކީ މި ސީޒަނަށް ކުލަބާ ގުޅުނު ހަކީމް ޒިޔެޗްގެ ފުރަތަމަ ޕްރިމިއާ ލީގު ގޯލެވެ. މެޗުގައި ޗެލްސީއަށް މާ ބޮޑު ނުރައްކާތެރި ކަމެއް ބާންލީއަށް ކުރިމަތި ކުރެވިފައެއް ނުވެ އެވެ. ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވަނީސް މޭސަން މައުންޓުގެ ކޯނަރު ބޮލުން ގޯލަށް ވައްދާލާ ލީޑު ފުޅާކޮށްދިނީ ކާޓް ޒޫމާ އެވެ.

އެ ގޯލު ޖެހިތާ ހަތްވަރަކަށް މިނެޓް ތެރޭގައި ޗެލްސީން ތިންވަނަ ގޯލެއް ޖެހި އެވެ. ޒިޔެޗްގެ ހިތްގައިމު ޕާސް، ހަމަޖެހިލާފައި ގޯލަށް ވައްދާލައިގެން މެޗުގެ ތިންވަނަ ގޯލް ޖެހީ ޖަރުމަނު ފޯވަޑް ޓީމޯ ވާނާ އެވެ.

ޗެލްސީން އެންމެފަހުން ކުޅުނު ހަތަރު މެޗުގައި ވެސް އެޓީމު ކޮޅަށް ގޯލެއް ވަދެފައިނުވާއިރު، ޓީމަށް އަލަށް ގުޅުނު އެޑުއާޑޯ މެންޑީ ކޮޅަށް މިހާތަނަށް ވަދެފައިވަނީ އެންމެ ގޯލެކެވެ. ޗެލްސީއަށް ދިމާވެފައިވާ ޑިފެންސް މައްސަލަތައް ކޮންމެ ވެސް ވަރަކަށް ހައްލުވަމުންދާއިރު، އެ ޓީމުގެ އެޓޭކު ވެސް މިހާރު ފެންނަނީ ވަރުގަދަ ކޮށެވެ.

މެޗު ކާމިޔާބުކޮށް، ސިޓީން ތާވަލުގެ އަށްވަނައިގައި އޮތީ ހަ މެޗުން 11 ޕޮއިންޓާއެކުގަ އެވެ. ޗެލްސީ ވަނީ ހަތް މެޗުން 12 ޕޮއިންޓް ހޯދާ ހަތަރު ވަނައަށް ޖެހިލައިފަ އެވެ.