ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 38 އަށް އަރައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ރޭ 7:30 އެހާކަންހާއިރު ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 60 އަހަރުގެ ދިވެހި ފިރިހެނެއް ރޭ 9:45ގައި މަރުވެފައިވާ ކަމަށެވެ.

މަރުވި މީހާއަކީ ކަނޑިންމަ ރިސޯޓުން ބަލިވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހެއް ކަމަށާއި އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ސާމްޕަލް މާލެ ގެނެސް ޓެސްޓު ކުރުމުން ކަމަށް އެޗްއީއޯސީން ބުންޏެވެ.

މިއީ ކޮވިޑް 19ގައި މިހާތަނަށް ރާއްޖޭގައި މަރުވި 38 ވަނަ މީހާ އެވެ. މިއީ މިމަހުގެ ތެރޭގައި މަރުވި ހަތަރު ވަނަ މީހާ އެވެ.

މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 32 ދިވެހިންނާއި ހަ ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓި ވި މީހުންގެ ޖުމުލަ އަދަދު ވަނީ 11،643 އަށް އަރައިފަ އެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 259 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 54 މީހަކު އެބަ ތިއްބެވެ. ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 10،779 މީހެކެވެ.