ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏަކަށް ތޫނު އެއްޗިއްސާއެކު އެރި މައްސަަލައިގައި ހައްޔަރުކުރި އެންމެން ގަމު ކޯޓުން ދޫކޮށްލައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފެންމަތިވި މި މައްސަލައިގައި ބަޔަކު އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ "ފަސްކުރި" ނަމަކަށް ކިޔާ ދޯންޏަކަށެވެ. އަދި އެ މައްސަލައާ ގުޅިގެން ޖުމްލަ 16 މީހަކު ހައްޔަރުކުރި އެވެ.
ފުލުހުން ބުނީ އެ އެންމެން ކޯޓުން ދޫކޮށްލީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނައިރު މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއް ވެސް ތަހުގީގުގެ ތެރެއިން ބެލިގެންދާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ގާނޫނާއި ގަވާއިދާ ހިލާގަށް ނުވަތަ ކަންކަން ކުރުމުގައި ފުލުހުން އަމަލުކުރަން އޮންނަ އުސޫލާ ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާނަމަ އެކަން ފުލުުހުންގެ ސްޓޭންޑާރްޑް ކޮމާންޑަށް ނުވަތަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެ މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށްފަހު ފުލުހުން ކުރިން ބުނެފައިވަނީ، އެ ދޯންޏަށް ބަޔަކު އެރި ނަމަވެސް މާރާމާރީއެއް ހިންގާފައި ނުވާ ކަމަށެވެ. ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭގައި ހުރުމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
މި ވާހަކަތަކާ ގުޅިގެން ދޯނީގެ ވެރިފަރާތާ ހަވާލާދީ ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން "ވަން" އަށް ވިދާޅުވީ، އެ ދޯންޏަކީ އެރަށު އިހުރާމުގޭ އިދުރީސް ނަމަކަށް ކިޔާ މީހެއްގެ ދޯންޏެއް ކަމަށެވެ. އަދި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެ ދޯނި ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް ވިއްކާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދޯނި ގަތުމަށް ކަނޑައެޅި އަދަދު އެއްކޮށް ދައްކާފައި ނުވުމުން އެ ދޯނި އަނބުރާ ހޯދަން ދޯނީގެ ވެރިފަރާތުން ފުލުހުންނަށާއި ކޯޓަށް ހުށަހެޅުމުން ލ. ގަމު ކޯޓުން ވަނީ ދޯނީގެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން ފަސްކުރި ދޯނީގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުމާއި ދޯނީގައި ތިންވަނަ ފަރާތެއް ތިބުމަކީ އިދުރީސްއަށް އިއާދަ ނުކުރެވޭ ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެންވެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯންޏާއި އެ ދޯނީގައި ހުރި ތަކެތި ވަގުތުން ހަވާލުކުރަން އަމުރުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު