ރާއްޖޭގެ ކުޅިވަރު ސިޔާސީ ވެއްޖެކަމަށް ދެބަސް ވެވޭކަށް ނެތެވެ. ހަމައެކަނި ރާއްޖެ ކިޔާނެ ކަމެއް ނެތެވެ. މުޅި ދުނިޔޭގެ ކުޅިވަރަކީވެސް މިހާރު ސިޔާސީ ކަމެކެވެ. ރާއްޖޭގައިވެސް ކުޅިވަރުގެ ގަދަރު ލިބިފައިވާ، އެސޯސިއޭޝަންތަކުގެ ވެރިންވެސް ބައެއް ހާލަތްތަކުގައި ސިޔާސީ ޕޯޑިއަމްތަކުން ފެނެއެވެ. ސިޔާސީ ކަންކަމުގައި ކުޅިވަރުގެ ބޭފުޅުން ބަހުސްކޮށް، މުޅި ކުޅިވަރު މާހައުލު ބަދަލުވެއްޖެއެވެ. ވާނީވެސް އެހެނެވެ. ރާއްޖެއަށް އައި ސިޔާސީ ރާޅުގައި ނުޖެހޭ ހުރީ މަދު ރައްޔިތެކެވެ. ހާއްސަކޮށް ޒުވާނުންގެ ރައުސުލްމާލް ބޮޑު ކުޅިވަރަކީ ސިޔާސީ އެންމެ ބޮޑު ހަތިޔާރެވެ.
ކޮންމެއަކަސް ކުޅިވަރު ސިޔާސީ ވެފައިވާކަން ސާބިތުކޮށްދޭން މާ ގިނަ ހެކިތަކެއް ބޭނުމެއް ނުވާނެއެވެ. ގައުމީ ޖޯޝު ކުޅިވަރުތަކުން ކެނޑި، ކާމިޔާބީއަކީ ސިޔާސީ ވެރިންގެ ހައްގެއް ކަމަށް ސިފަވާން ފެށިތާ ދުވަސް ގަނޑެއް ވެއްޖެއެވެ. އެސޯސިއޭޝަންގެ ވެރިކަމާވެސް ތަޅާފޮޅަނީ ހަމަ ސިޔާސީ ޕާޓީތަކުންނޭ ބުންޏަސް ދޮގަކަށް ނުވާ ހިސާބަށް ގޮސްފިއެވެ. ކެމްޕޭން ވައުދުތަކުގައި ކުޅިވަރު ސިޔާސީ ނުކުރުމަށް ހިމަނައި، މިއަދުގެ ސަރުކާރު ވެރިކަމަށް އައިސްވެސް ކުޅިވަރަށް ބަދަލުތަކެއް ގެނެސްފައި ވެއެވެ. އެކަމަކުވެސް ޖުމްލަ ހައްލަކަށް ދާން ކުރަން އޮތް ދަތުރު އަދިވެސް ދިގެވެ. އެކަން އެނގެނީ އެސޯސިއޭޝަންތަކުގެ އިންތިހާބުތަކުގެ މައްސަލަތަކާއި، މައި އިދާރާތަކުން ދެމުން އަންނަ އިންޒާރުތަކުންނެވެ. ހަގީގަތުގައި ކުޅިވަރު ރެގިއުލޭޓް ކުރާނެ ބެލެނިވެރިއެއް ނެތޭވެސް ދެންނެވިދާނެއެވެ. ސްޕޯޓްސް ކޮމިޝަނަރާއި، ސްޕޯޓްސް ކޯޕަރޭޝަން އަދި މިނިސްޓްރީ އާއި ސްޕޯޓްސް ކައުންސިލްގެ ޒިންމާތައްވެސް އޮތީ ހިނގައިގަންނަން އުނދަގޫ މަގެއްގައެވެ.
އެ ހާލަތުތައް މުޅި ކުޅިވަރު އާއިލާއަށްވެސް އެނގޭ ހާލު، ވާހަކަތައް ތިލަކޮށްލީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު، ކުޅިވަރު ބިލަށް ހުށަހެޅި ގިނަ އިސްލާހުތަކަކާ އެކުގައެވެ. ހަސަން ލަތީފު އެ އިސްލާހުތައް ހުށަހަޅުއްވާފައި މިވަނީ ޓީޓީ އެސޯސިއޭޝަންގެ އިންތިހާބުގައި އޭނާ ތާއީދުކުރެއްވި ޓީމު ބަލިވުމާއެކުއެވެ. އެ އިންތިހާބުގެ މައްސަލަ ކޯޓަށް ވެސް ހުށަހެޅިއެވެ. އަދި އެ މައްސަލަތަކުގައި އެންމެ އިސްކޮށް ވަކާލާތުކުރެއްވީ ހަސަން ލަތީފެވެ.
އެ އިސްލާހުތަކުގެ މަގުސަދަކަށް ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިހާބުތަކަކީ ދެފުށް ފެންނަ އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއް ކަމުގައި ހެދުމާއި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން ވެސް ހިމެނޭ އިރު، ކުޅިވަރުގެ ވަސީލަތްތައް ދެމެހެއްޓެނިވި ވިއުގައަކުން ބެލެހެއްޓޭނެ އުސޫލެއް ގާއިމުކުރުމާއި އެކިއެކި ފުށުއެރުންތައް ނައްތައިލުމަކީވެސް އެ ގާނޫނުގެ މަގުސަދުތަކުގައި ބަޔާންކޮށްފައިވާ ކަންކަމެވެ.
އެ އިސްލާހުވީ ކުއްލިއަކަށް ބޮޑު ބަހުސަކަށެވެ. އިސްލާހު ހުށަހެޅުމުގެ ކުރިންވެސް ފެށިފައި އޮތް ބަހުގެ ހަމަލާތައް އިތުރުވެ، އިސްލާހުގެ ކަންކަމަށް ދެކެވޭ ވާހަކަތައް ކުއްލިއަކަށް އިތުރުވެގެން ދިޔައެވެ. ވާނީވެސް އެހެންނެވެ. އެސޯސިއޭޝަންތަކުގެ ހުރިހާ ކަމަކަށް ގާނޫނީ ގޮތުން ބާރު ފޯރުވާނެ އެ އިސްލާހާއެކު، މުޅި ކުޅިވަރު ބަދަލުވާނެއެވެ. އިންތިހާބުތަކާއި ކުޅިވަރުގެ ވަޒީރުގެ މަސްއޫލިއްޔަތަށް ދާންދެން ބިލުން ބަދަލުވާނެ އިރު، އެކަންކަން ފެނުނީ ބޮޑެތި ކަންބޮޑުވުންތަކެއްގެ ގޮތުގައެވެ. ސަބަބުތައްވެސް ގިނައެވެ. އިސްލާހީ މަސައްކަތްތަކެއްގެ ތެރެއިން ކުޅިވަރަށް ދެރައެއް ލިބުމަށް އެއްވެސް މީހަކު ނޭދޭނެތީއެވެ. ކުޅިވަރުގެ ތެރެއިން ނުތަވަސްކަން އުފެދުމަކީ ހައްލު ކަމަށްވެސް ނުދެކޭތީއެވެ.
ރާއްޖޭގެ އެސޯސިއޭޝަންތަކުގެ އެތެރޭގެ މައްސަލަތައް އިންތިހާއަށް ބޮޑެވެ. ހާއްސަކޮށް އިންތިހާބާ ހަމައަށް ދާ ކޮންމެ ފަހަރަކު އެ މައްސަލަތައް ހޫނުވެ، މުޅި ކުޅިވަރަށް އެކަމުގެ އަސަރު އިންތިހާއަށް ބޮޑުވެގެން ދެއެވެ. ބައިނަލްއަގުވާމީ ފެޑަރޭޝަނެއްގެ ދަށުން އޮންނަ އެސޯސިއޭޝަންތަކުގެ މައްސަލަތަކަށް ރާއްޖޭގެ ކުޅިވަރުގެ ފަރާތްތަކަށް ނުބެލޭވެސް މެއެވެ. އެފަދަ އެސޯސިއޭޝަނެއްގެ ކަމަކަށް ޔޫތު މިނިސްޓްރީ ނުވަތަ ސްޕޯޓްސް ކޮމިޝަނަރު އަދި ސަޕޯޓްސް ކައުންސިލުން ވަންނަ ނަމަ ދެން އަންނަނީ ސަސްޕެންޝަންގެ މެސެޖެކެވެ. އެކަން ވަރަށް ގާތުން ފެންނަންވެސް އެބައޮތެވެ.
ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގެ މައްސަލައިގައި ސްޕޯޓްސް ކޮމިޝަނަރު، އޭރު އޮތް ހިންގާ ކޮމިޓީ އުވާލައި، އިންޓަރިމް ކޮމިޓީއަކާ ވޮލީ ހިންގުން ހަވާލުކުރި ނަމަވެސް، ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީން އަދިވެސް ގަބޫލުކުރަނީ އިންތިހާބީ ކޮމިޓީއެވެ. ފުޓުބޯޅައިގެ ތެރޭގައި އަދި މާ ބޮޑަށް އެ މައްސަލަ އުފެދުނެވެ. ސަރުކާރުގެ އެންމެ މަތިން، ޔޫތު މިނިސްޓަރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ބަހުގެ ހަމަލާ އަމާޒުކުރައްވައި، އެފްއޭއެމްގެ ތެރޭގައި ހިންގާފައިވާ ކަންކަން ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލި ހިސާބުން ފީފާގެ އިންޒާރު އައީ ސަސްޕެންޝަނަށެވެ. ފީފާއިން އެންގި އެންގުމާއެކު ފެނުނީ ޔޫތު މިނިސްޓަރު މަހުލޫފް އެފްއޭއެމްއާއެކު މަސައްކަތްކުރައްވަން ފެއްޓެވި ތަނެވެ. ވާނީވެސް އެހެންތާއެވެ. އެއްވެސް ކުޅިވަރަކުން ސަސްޕެންޝަނަކަށް ދާން ބޭނުމެއް ނުވެއެވެ.
އެ ހިސާބުން ނިމުނީކީއެއް ނޫނެވެ. އެންމެފަހުން ބޭއްވި ޓީޓީ އިންތިހާބުގެ ތެރޭގައިވެސް މައްސަލަތައް އުފެދި، ސިވިލް ކޯޓާ ހަމައަށްވެސް މައްސަލަ ދިޔައެވެ. އެ މައްސަލައިގައި އިންޓަނޭޝަނަލް ޓީޓީ ފެޑަރޭޝަނުންވެސް ރާއްޖޭގެ ޓީޓީ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދިނެވެ.
މަޖިލިސް މެންބަރުންނާއި ސަރުކާރުގެ މައި ޕާޓީން ކުޅިވަރުގެ އިސްލާހުތަކަށް ވާހަކަދައްކާ ސަބަބަކީ އެސޯސިއޭޝަންގެ މައްސަލަތަކަށް ބަސް ކިޔޭނެ ރާއްޖޭގެ ބެލެނިވެރިޔަކު ނެތުން ކަމަށް އެ ފަރާތްތަކުން ބުނެއެވެ. އެއްވެސް އެސޯސިއޭޝަނަކަށް ރާއްޖޭގެ މިނިސްޓަރަކަށް، ސްޕޯޓްސް ކޮމިޝަނަރަކަށް ބަސް ކިޔޭނެ ގޮތެއް ނެތްކަން އަބަދުވެސް ފާހަގަކުރެއެވެ. އިންތިހާބެއް ނިމުމުން ސްޕޯޓްސް ކޮމިޝަނަރަށް މަޖުބޫރުވަނީ އިންތިހާބު ބަލައިގަތުމަށެވެ. ހަސަން ލަތީފުގެ ބިލުގައި އެ މައްސަލަތަކަށް ބާރު ދޭ ކަމަށް ބެލެވިދާނެއެވެ. އެހެން ނަމަވެސް ކަންބޮޑުވާނެ އެތައް ކަމެއް ހުރިމެއެވެ. އެސޯސިއޭޝަންތައް ހިންގުމުގައި ރާއްޖެއަށް އެކަނި ބޮޅެއް އަޅައި، ބައިނަލްއަގުވާމީ ފެޑަރޭޝަންތަކުގެ އަތްދަށުން ބޭރަށް ޖެހިލަން ވިސްނާފައި ހުރިކަން ބައެއް އިސްލާހުތަކުން ސިފަވެއެވެ.
ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވި ގޮތުގައި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ހިންގާ ކޮމިޝަންތަކަށް އެކަށޭނެ އުސޫލުތަކެއް ގާއިމުކުރުމަށް ލަސްވެގެން ދަނީ އެކަމަށް ހަދަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް އެކުލަވައިލުން ލަސްވުމުންނެވެ. ސަރުކާރުގެ ކަންކަން ކުޅިވަރުގައި ހުރީ 1980 ގައި ހުރި ފަދައިން އޮޅުންތަކެއްގެ ތެރޭގައި ކަމަށްވެސް ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.
ހަސަން ލަތީފުގެ މައިގަނޑު ކަންބޮޑުވުމަކީ މުޅި ކުޅިވަރު އޮޅުންބޮޅުން ވެ، ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަނަވުމެވެ. ހަސަން ލަތީފް ވިދާޅުވީ ގައުމީ ކުޅިވަރާ ބެހޭ ސިޔާސަތު އެކުލަވައިލަން ބޮޑުތަނުން ލަސްވެފައިވާ ކަމަށާއި އެސޯސިއޭޝަންތަކުގެ ކަންކަން ގޯސްކޮށް ދިޔުމަށް ފަހިވަނީ އެ ކަންކަން އެކުލަވައި ނުލެވި އޮތުމުން ކަމަށެވެ.
ހަސަން ލަތީފުގެ އެ ވާހަކަތަކާއެކު ހުށަހެޅި ބިލަށް ތާއީދުކުރަމުން ރައްޔިތުން މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރުގެ މުއައްސަސާތައް ޑިމޮކްރެޓިކް ކުރުން ކަމަށެވެ. އެ ވިސްނުމަށް ތާއިދުކުރައްވާކަން އެފްއޭއެމްގެ ކުރީގެ ރައީސް، މިހާރު އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ ވިދާޅުވެފައެވެ. ހަސަން ލަތީފް ހުށަހެޅުއްވި ބިލުގައިވާ މައިގަނޑު ބަދަލަކީ ގައުމީ ކުޅިވަރު ކައުންސިލުގެ އެކުލެވުމަށް ގެނެވިފައިވާ ބަދަލުތަކުގެ އިތުރުން ކައުންސިލުގެ ބައެއް މެންބަރުން އިންތިހާބު ކުރެވޭ އުސޫލަށް ގެނެސްފައިވާ ބަދަލުތަކާއި ކުޅިވަރު ކައުންސިލުގެ އިތުރުން މިނިސްޓަރު އަދި ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ބަޔާން ކުރުމެވެ.
އޭގެ ތެރޭގައި އެ ގާނޫނުގެ ދަށުން އަޅާ ފިޔަވަޅުތަކާއި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަކީ އިންޓަނޭޝަނަލް އޮލިމްޕިކް ޗާޓަރުގެ ތެރެއިން، އިންޓަނޭޝަނަލް ސްޕޯޓްސް ފެޑަރޭޝަންގެ ތެރެއިން އެކުލަވައިލެވޭ އުސޫލުތަކެއް ކަމެއްކަން ޔަގީންކުރުންވެސް އެ އިސްލާހުގައި ހިމަނާފައި ވެއެވެ. އެ ވާހަކަތައްވެސް ރަނގަޅެވެ. އެހެންނަމަވެސް ތިންވަނަ ފަރާތެއް އެސޯސިއޭޝަނެއްގެ އެއްވެސް ކަމެއްގައި ބައިވެރި ނުކޮށް، އެ އެސޯސިއޭޝަނާއި ބައިނަލްއަގުވާމީ ފެޑަރޭޝަންގެ ދެމެދަށް ނުވަދެ، ކަންކަން ބަލައި މޮނީޓަރުކުރުމަށް ހަސަން ލަތީފުގެ އިސްލާހުތަކުން ފުރުސަތު ދޭތޯ، އެއީ ގިނަ ބަޔަކު އުފެއްދި ސުވާލެކެވެ.
ކަންކަން ރަނގަޅުކޮށް، ގާނޫނީ އިސްލާހުތައްވެސް ކުޅިވަރަށް ބޭނުންވެއެވެ. އެކަމަށް މަސައްކަތްކުރަން ފަށަންވެސް ވެއްޖެއެވެ. އެކަމަކު ގިނަ ބައެއްގެ ކަންބޮޑުވުންތައް އައީ ބިލުގެ ބައެއް އިސްލާހުތަކުން މުޅި ބައިނަލްއަގުވާމީ ކުޅިވަރު ދުނިޔެއިން ރާއްޖެ ބޭރުވެދާނެތީއެވެ. ހަގީގަތުގައި އެ އިސްލާހުތަކުން ކުޅިވަރު ސިޔާސީ ކުރެވޭ ކަމުގެ އިހުސާސް މުޅި ކުޅިވަރު އާއިލާއަށްވެސް ކޮށްފިއެވެ.
"މި މާއްދާގެ (ހ)ގައި ބުނެފައި އިންތިހާބުތަކާ ބެހޭ އެންމެހާ ކަންކަން އިންތިޒާމްކުރާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އަދި އެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ އެންމެހައި ލިޔެކިޔުމާއި އެހެނިހެން ވަސީލަތްތައް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުން އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށްދޭން ވާނެއެވެ،" ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުގައިވެއެވެ.
އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކުޅިވަރާއި ބެހޭ ގައުމީ މަޖިލިސްއިން ކަނޑައަޅާ ފަރާތްތަކުގެ އިންތިހާބު ބާއްވައި، އިންތިހާބާ ގުޅޭ ކަންކަމާއި ކުޅިވަރު ޖަމިއްޔާގެ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.
އެ އިސްލާހަކީ ބިލަށް ފާޑު ކިޔުން އަމާޒުވި އެންމެ ބޮޑު އިސްލާހެވެ. އެ އިސްލާހަށް މުޅި ކުޅިވަރު އާއިލާވެސް ދެކޮޅު ކަމަށް ފެނެއެވެ. ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް މިހާތަނަށް ބާއްވަމުން އަންނަނީ އެ އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީން ކަނޑައަޅާ އިލެކްޓޯރިއަލް ކޮމިޓީއެއް މެދުވެރިކޮށެވެ. އިލެކްޓޯރިއަލް ކޮމިޓީން ކުރާ ހުރިހާ ކަމެއް ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުންނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ވެސް މޮނިޓާކުރެއެވެ. އެގޮތަށް އޮންނަ އެންމެ ބޮޑު ސަބަބަކީ ތިންވަނަ ފަރާތެއްގެ ނުފޫޒެއް ނުވަންނަ ގޮތަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ.
އެކަން އެހެން އޮތުމުން ތިންވަނަ ފަރާތަކަށް، ސިޔާސީ ނުފޫޒެއް ނޫނީ އެހެންވެސް ނުފޫޒެއް ވެއްދުމުގެ ޖާގަ ހަނިކޮށްދޭ އިރު، އިންތިހާބުގެ ކަންކަން އިލެކްޝަންސްގެ ދަށަށް ގޮސްފިނަމަ އެ ކުޅިވަރުތަކުން ރާއްޖެއަށް ސަސްޕެންޝަން ކުރިމަތިވެދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރުވެސް ވަނީ ފާހަގަކުރައްވައިފައެވެ.
"އެސޯސިއޭޝަންތަކުގެ އިންތިހާބު ހިނގަނީ ޑިމޮކްރަޓިކްކޮށް. ރާއްޖޭގެ ގާނޫނު/ އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ގަވާއިދުތަކާ އެއްގޮތަށް. ހަސަން ލަތީފުގެ ބައެއް އިސްލާހުން ރާއްޖެ ގިނަ ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑްކުރާނެ،" މިނިސްޓަރު މަހުލޫފް ކުރެއްވި ޓުވީޓުގައިވެއެވެ.
މިނިސްޓަރުގެ އެ ވިސްނުމަށް ކުޅިވަރުގެ ގިނަ ބަޔަކު ވަނީ ތާއީދުވެސް ކޮށްފައެވެ.
"ބިލުގެ ބައެއް އިސްލާހުތަކުގައި އެބަހުރި ވަރަށް ބޮޑަށް ކަންބޮޑުވާ ކަންތައްތަކެއް. މިސާލަކަށް އިންތިހާބުތައް އިލެކްޝަންސް ކޮމިޝަންތަކުން ބާއްވަން. އެކަން އެގޮތަށް ކުރެވިގެން ނުވާނެ. އޮލިމްޕިކް ޗާޓަރާއި އިންޓަނޭޝަނަލް އެސޯސިއޭޝަންގެ އުސޫލުތަކާ އެކަން ހިލާފުވާނެ. ކޮންމެ ގޮތެއްވިޔަސް ތިންވަނަ ފަރާތެއްގެ ނުފޫޒު ވަންނާނެ. ސިޔާސީ ބައެއް ނުފޫޒުތައްވެސް ވަނުމަށް ފުރުސަތު ފަހިވެގެންދޭ ބިލުގައި މިހާރު އޮތް ގޮތުން. ކުޅިވަރު ހިންގަން ޖެހޭނީ އެ ކުޅިވަރެއް ހިންގުމަށް ކަނޑައަޅާ އެސޯސިއޭޝަނަކުން، ބައިނަލްއަގުވާމީ ފެޑަރޭޝަނެއްގެ އުސޫލުތަކުގެ ތެރެއިން. އެމީހުންގެ މައްޗަށް ބަސް ބުނާނީ އޮލިމްޕިކް ކޮމިޓީ. ދެން އޮންނާނީ ސްޕޯޓްސް ކައުންސިލް. އެއީ ނުފޫޒުން އެއްކިބާ ކުރުމަށް ކަންކަން ރާވާފައިވާ ގޮތެއް. މިހާރު ގެންނަން އުޅޭ އިސްލާހުތައް ބަލައެއް ނުގަނެވޭ،" އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް "ވަން" އަށް ވިދާޅުވިއެވެ.
ތޮލާލް އިތުރަށް ވިދާޅުވީ އެމްޕީޑީގެ ޗެއާޕާސަންގެ ބިލް އިސްލާހު ކުރެވުނު ނަމަވެސް އެކަމަށް ބައިނަލްއަގުވާމީ ބޮޑު ޕްރެޝަރެއް އައިސް، މިނިސްޓަރު ވިދާޅުވިހެން ބައެއް ކުޅިވަރުތަކަށް ސަސްޕެންޝަން އަންނާނެ ކަމަށެވެ. ހަސަން ލަތީފުގެ ބިލަކީ ކުޅިވަރަށް ހެޔޮއެދިގެން ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށާއި އެއީ ޒާތީ މައްސަލައެއްގެ ތެރެއިން ހުށަހަޅާފައިވާ ބިލެއް ކަމަށް ވެސް ވިދާޅުވިއެވެ.
"މައްސަލަ ޖެހުނީ ޓީޓީ އިންތިހާބުގައި ހަސަން ލަތީފުމެން ތާއީދުކުރި ބަޔަކު ބަލިވީމަ. އޭގެ ހަސަދައިގައި ޒާތީ ވެގެން މިއުޅެނީ. ކުޅިވަރަށް ހެޔޮ ބަދަލެއް ގެންނާކަށް ނޫން އެ ބިލު ހުށަހެޅީ. އޮޅުންތަކެއް ކުޅިވަރުގައި އުޅެނީކީ ނޫން. ކުޅިވަރުގެ ހާލަތު އެނގިގެނެއް ނޫން އެކަން ކުރަން އުޅެނީ. އެ މައްސަލަތައް ހަސަން ވިދާޅުވިހެން އުޅޭނަމަ އެންމެ ފުރަތަމަ އެނގޭނީ މިނިސްޓަރަށްތާ. ކުޅިވަރު ކޮމިއުނިޓީއަކީ އަބަދުވެސް އެންމެ ބޮޑު އަދި އެންމެ އެކުވެރި ކޮމިއުނިޓީ. އަމިއްލަ އަމިއްލައަށް ކަންކަން ނިންމުން އެއީ އެއްވެސް މީހަކު ގަބޫލުކުރާނެ ކަމެއް ނޫން. ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމަކީ އެންމެ ބޮޑު ގޯސް،" ތޮލާލް ވިދާޅުވިއެވެ.
ހަސަން ލަތީފުގެ އިސްލާހުތަކަށް އެސޯސިއޭޝަންތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބް ޖަމިއްޔާތަކުގެ އިންތިހާބުތައް އިލެކްޝަން ކޮމިޝަން ދަށަށް ގެންދިއުމަކީ ޑިމޮކްރަސީކަމަށް ދެކުމާ ދެކޮޅަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) ވެސް ވަނީ ވިދާޅުވެފައެވެ.
"ސިޔާސީ ޕާޓީގެ އެތެރޭ އިންތިހާބު ބަލަހައްޓަން އިލެކްޝަންސް ކޮމިޝަނަށް ފުރުސަތު ނުދޭން ގަދައަޅައި މަސައްކަތްކަތް ކުރި މީހުން މިއަދު ބޭނުންވަނީ ނެޝަނަލް އެސޯސިއޭޝަންތަކާއި ދެހާހެއްހާ ކްލަބް ޖަމިއްޔާގެ އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަން،" މަރުޒޫގު އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ލިޔުއްވިއެެވެ.
އިސްލާހުގެ ވާހަކަދައްކަން ވެއްޖެއެވެ. އެސޯސިއޭޝަންތައް ހަރުދަނާވެސް ކުރަން ޖެހެއެވެ. އެކަމަކު އެކަމަށް ނުކުންނަން ވާނީ ބައިނަލްއަގުވާމީ ކުޅިވަރު ޗާޓަރުގެ ތެރެއިން ކަމަށް ދެކެވޭ ދެކުން އެއީ ރަނގަޅު ވިސްނުމެއް ކަމަށް ބެލެވެއެވެ. އެސޯސިއޭޝަންތަކުގެ ރެގިއުލޭޝަން ހަރުދަނާ ކުރުމަށްވެސް ކުޅިވަރުގެ ތެރެއަށް ނުފޫޒެއް ވަންނަނަމަ އެއީ ގޯހެކެވެ. އިލެކްޝަންސް ކޮމިޝަން ފަދަ އިތުރު ބާރަކުން ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބަކަށް ވަންނަން ޖެހޭ ޖެހުން ކުޅިވަރުގެ މީހަކު ބަލައިގަންނާނެ ހެނެއް ހިއެއް ނުވެއެވެ. ބިލުގެ ސަމާލުކަން ނުފޫޒަށް ހުރުމަކީ ކަންބޮޑުވުމެކެވެ. ސިޔާސީ ނުފޫޒާއި، ބާރުގެ ނުފޫޒުން އެއްކިބާވުމަށް ހަދާ އުސޫލުތަކަކަށް ބައިނަލްއަގުވާމީ ސަސްޕެންޝަނެއް އައުން އެއީ އިޔާދަނުކުރެވޭނެ ބޮޑު ގެއްލުމަކަށް ވާނެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް