ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް 19 އިން ރަނގަޅުވެއްޖެއެވެ.
ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ކޮވިޑުން ރަނގަޅުވިކަން ޔަގީންވެފައި ވަނީ އޭނާ ހެދި ހަތަރުވަނަ ޕީސީއާރް ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުންނެވެ. ރޮނާލްޑޯއަށް ކޮވިޑް ޖެހުނުކަން އިއުލާން ކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން އައިސޮލޭޝަންގައި ރޮނާލްޑޯ ހުރިއިރު، މިހާތަނަށް އޭނާ ރަނގަޅުވިތޯ ބެލުމަށް ތިން ޕީސީއާރް ޓެސްޓް ހަދާފައިވެއެވެ.
އުމުރުން 35 އަހަރުގެ ރޮނާލްޑޯއަށް ކޮވިޑް ޖެހި، ސެރެއާ އޭގެ އިތުރުން ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މުހިއްމު މެޗުވެސް ގެއްލިފައި ވެއެވެ. އެ މެޗު ކުޅެވޭތޯ ރޮނާލްޑޯ ވަނީ 24 ގަޑިއިރު ކުރިން ޓެސްޓް ކޮށްފައެވެ. އެ ޓެސްޓް ޕޮޒިޓިވް ވުމުން ރޮނާލްޑޯ ވަނީ ޕީސީއާރް ޓެސްޓަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ގައުމީ ޓީމާއެކު ކުޅެމުންދަނިކޮށެވެ. އެންމެފަހުން އޮކްޓޯބަރު 11 ވަނަ ދުވަހު ޕޯޗުގަލްއިން ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ފެނުނުއިރު، ކޮވިޑަށް ޕޮޒިޓިވް ވިތާ ގާތްގަނޑަކަށް 24 ގަޑިއިރު ތެރޭގައި ރޮނާލްޑޯ ވަނީ އިޓަލީއަށް ގޮސްފައެވެ.
ޕޯޗުގަލްގައި އެއް ދުވަސް މަޑުކުރުމަށްފަހު ރޮނާލްޑޯ އަނބުރާ އިޓަލީއަށް ދިޔަ ދިޔުމާއި ގުޅިގެން އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިސެންޒޯ ޕަޑަފޯރާ ވަނީ ސެރެއާ އޭގެ އޮފިޝަލުންނަށް ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.
"ސިއްހީ އިދާރާތަކުގެ ލަފައެއް ނެތި، ކޮވިޑް ޖެހިފައިވާ މީހަކަށް ދަތުރުކޮށް، އިޓަލީއަށް އެރުމަކީ ހުއްދަ ކަމެއް ނޫން،" އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު، ޕަޑަފޯރާ ވިދާޅުވެފައި ވެއެވެ.
އެކަމުގެ ޖަވާބުގައި ރޮނާލްޑޯ ބުނެފައި ވަނީ އޭނާ އަނބުރާ އިޓަލީއަށް ދިޔައީ ސިއްހީ ހުރިހާ ކަމަކަށް ލަފާ އަހައި، ސިއްހީ މާހިރުންގެ އިރުޝާދާއެކު، އިޓަލީގެ ކަރަންޓީނު އުސޫލުތަކަށްވެސް ފުށުނާރާ ގޮތަކަށް ކަމަށެވެ. އެ މައްސަލައިގައި އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ރޮނާލްޑޯއަށް ވަރުގަދައަށް ރައްދު ދީފައިވާއިރު، ވަޒީރު ވިދާޅުވީ އިޓަލީގެ އުސޫލުތަކަށް ރޮނާލްޑޯ އިހުތިރާމް ކުޑަކުރި ކަމަށާއި، އެކަމުގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު