ދިހަ މީހުންނަށްވުރެ ގިނަ މީހުން ހޯމް ކަރަންޓީނަށް ރަށަކަށް ދާނަމަ، ތިންދުވަސް ހަމަނުވާ ޕީސީއާރު ނެގަޓިވް ނަތީޖާއެއް ބޭނުންވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ ދިހަ މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން ހިމެނޭ ގްރޫޕުތައް އެއްތަނެއްގައި ފުރަބަންދު ކަރަންޓީނުވުމުގައި އަމަލު ކުރަންވީ އުސޫލުގައި ބުނީ، ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީން ކޮމިއުނިޓީ ސްޕްރެޑެއް (މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިފައިވާ) ރަށަކުން ކޮމިއުނިޓީ ސްޕްރެޑެއް ނެތް ރަށަކަށް ދާނަމަ، ފުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ތެރޭގައި ޕީސީއާރު ޓެސްޓު ހަދަންވާނެ ކަމަށާއި ފުރަބަންދު ކަރަންޓީނަށް ދެވޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮތްނަމަ ކަމަށެވެ.
ކޮމިއުނިޓީ ސްޕްރެޑެއް މިވަގުތު އޮތީ، މާލޭ ސަރަހައްދުގައި އެކަންޏެވެ.
މީގެ އިތުރުން އުސޫލުގައި ބުނީ، ކޮވިޑުގެ އަލާމާތެއް ފެނިއްޖެކަމުގައިވާ ނަމަ، ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވްވި ނަމަވެސް ދަތުރުނުކޮށް މަޑުކުރަން ޖެހޭނެ ކަމަށާއި އެފަދަ މީހަކަށް ދަތުރުކުރެވޭނީ އަލާމާތްތައް އެއްކޮށް ރަނގަޅުވުމަށް ފަހު މަދުވެގެން 48 ގަޑިއިރުވުމަށްފަހު ކަމަށެވެ.
ރާއްޖެއިން އަންނަ ބިދޭސީން ރާއްޖެ އަންނައިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮތްނަމަ ފުރަަބަންދު ކަރަންޓީނަށް ދިއުމަށް އަލުން ޓެސްޓު ހަދާކަށް ނުޖެހޭނެއެވެ.
އުސޫލުގައި ބުނީ، ގިނަ މީހުން އެއްކޮށް ކަރަންޓީނުވެފައި ތިބުމުން އެމީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެންކަމުން ކަރަންޓީނުވެ ތިބޭއިރު ވީހާވެސް މަދު މީހުން އެއްތަނެއްގައި ތިބޭ ގޮތަށް އެކޮމޮޑޭޝަން ހަމަޖައްސުމަށް ސަމާލުކަންދޭން ޖެހޭ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު