އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީނާއި މާތް ނަބިއްޔާ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ނަބީބޭކަލުންނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށާއި މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަކުރި ބަޔަކު އުޅުނު ކަމަށެވެ.

"އިސްލާމްދީނާއި މާތް ނަބިއްޔާ ﷺ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. ކޮންމެ މީހަކަށް ވެސް ކުޅަދާނަވީ މިންވަރަކުންނެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ދުނިޔޭގެ ތާރީހު ލިޔުއްވާ މުއައްރިހުން ފާހަގަކުރައްވާ ގޮތުގައި، އިންސާނުން އަހުލާގީ ގޮތުންނާއި ދީނީގޮތުން އެންމެ ދަށު ދަރަޖައަކަށް ވެއްޓިފައިވީ ދުވަސްވަރަކީ މީލާދީގޮތުން ފަސްސަތޭކައިގެ އަހަރުތައް ކަމަށާއި އެ ދުވަސްވަރު މުޖުތަމައުތަކުގައި އަރައިނުގަންނަ ފާފައެއް ނެތެވެ. އަދި ނުކުރާ ހަޑިމުޑުދާރު އަމަލެއް ނެތް ކަމަށް ބުނެފައިވެއެވެ.

"އޭރު އަޅުކަން ކުރުން ހައްގުވެގެންވާ އިލާހުގެ ހަގީގީ މުއުރިފާވެރިކަން ވަނީ ގެއްލި އުވިގޮސްފައެވެ. އަޅުކަން ކުރަނީ އަމިއްލަ އަތްތަކުން ކޮށައި މަށައިގެން އަމިއްލައަށް އުފައްދާ ބުދުތަކަށެވެ. ގަސްގަހާގެއްސަށާއި، ކޯރުކޯރަށާއި، އަލިފާނަށެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އެފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައި ވަނިކޮށް، ކޯފާގެ ފުން އަނދަވަޅުން ސަލާމަތްކުރެއްވުމަށްޓަކައި މާތްﷲ އިހުތިޔާރު ކުރައްވައި، ފޮނުއްވި މާތް ރަސޫލު ބޭކަލަކީ މާތް ނަބިއްޔާ ﷴ ﷺ ކަމަށެވެ. އަދި އެކަލޭގެފާނު ފޮނުއްވީ އާލަމުތަކަށް ރަހުމަތެއްގެ ގޮތުގައްޔާއި ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައި ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

މާތް ނަބިއްޔާއަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއްކަން ފާހަގަކުރަމުން ހުތުބާގައި ބުނެފައިވަނީ އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ މަތިވެރި މަގާމަށް ގަދަރުކޮށް، އިހުތިރާމުކޮށް، އަދުބުތައުލީމު އަދާކޮށް، އެމީހެއްގެ އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް ނަސްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެ ކަމަށެވެ. އަދި އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ ތެދުމަގަށް ނަފުރަތު ކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ އަމަލެއް ކަމަށް އިލްމުވެރިން ވިދާޅުވެފައިވެއިވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.