ފްރާންސްގައި ކޮވިޑް 19ގެ ހާލަތު ގޯސްވެ، އަންހެން އަދި ފިރިހެން ފްރެންޗް ކަޕްގެ މެޗުތައް ސަސްޕެންޑް ކޮށްފިއެވެ.
ފްރާންސްގެ ކޮވިޑް 19ގެ ކޭސްތައް އިންތިހާއަށް ގިނަވަމުންދާއިރު، އެ ގައުމުގައި ވަނީ އަނެއްކާވެސް ކާފިއު އިއުލާން ކޮށްފައެވެ. ކޮވިޑްގެ ދެވަނަ ރާޅެއްގައި ޔޫރަޕްގެ ގިނަ ގައުމުތަކުން އޮތްއިރު، އެގައުމުތަކުގައި ކޮވިޑްގެ މަރުތައްވެސް ވަނީ އަނެެއްކާވެސް އިތުރުވެފައެވެ.
ފްރާންސް ފުޓްބޯޅައިގެ މައި އިދާރާއިން ބުނެފައި ވަނީ އަންނަ މަހުގައި ފްރެންޗް ކަޕްގެ އެއްވެސް މެޗެއް ނުކުޅެން ނިންމާފައިވާ ކަމެވެ. އަދި ދެން ކަޕް މެޗުތައް ފެށޭނީ ޑިސެންބަރު އެއްވަނަ ދުވަހު ކަމަށާއި، މިވަގުތު ހުރިހާ އެމެޗާ ލީގުތައްވެސް ހުއްޓާލާފައިވާ ކަމަށް ފުޓުބޯޅަ އިދާރާއިން ބުނެފައި ވެއެވެ.
މިވަގުތު ފްރާންސްގައި ކުރިއަށް ގެންދާ ހަމައެކަނި ލީގުތަކަކީ ލީގު 1ގެ އިތުރުން ލީގު 2 އަދި ލީގު 3 އާއި އަންހެން ޑިވިޝަންގެ އެންމެ މަތީ ލީގެވެ. ފްރާންސްގެ ސްޕޯޓްސް މިނިސްޓަރު ރޮޒާނާ މަރަސިނެއަނު އިތުރަށް ވިދާޅުވެފައި ވަނީ އެލީޓް ކުޅިވަރުތައް ސަޕޯޓަރުންނާ ނުލައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ފްރާންސް ރައްޔިތުންނަށް ކޮންމެހެން މަޖުބޫރު ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުމެވޭ ގޮތަށް ފުރަބަންދު ކޮށްފައިވާއިރު، މިހާރު ދުވާލެއްގެ މައްޗަށް ގާތްގަނޑަށް 36،437 އާ ކޭސް އެގަމުން ޕޮސިޓިވް ވެއެވެ. 244 މަރު ދުވާލެއްގެ މައްޗަށް ރިޕޯޓް ކޮށްފައިވާއިރު، މިއީ އޭޕްރީލް ފަހުން އެގައުމުގައި އަދަދުތައް އެންމެ މައްޗަށް އެރި ފަހަރެވެ.
ފްރާންސަށް އައި ކޮވިޑްގެ ފުރަތަމަ ރާޅާއެކު އެގައުމުން މިދިޔަ ސީޒަންގެ ލީގުވެސް ކެންސަލް ކުރިއެވެ. އެ ނިންމުމަށް ޔޫއެފާ ފަދަ ބޮޑީތަކުން ފާޑު ކިޔާފައި ވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު