ޚަބަރު

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަަދަދު 37،000 އިން މައްޗަށް

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އިއްޔެގެ ނިޔަލަށް 37،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައިވާ ގޮތުން ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އިއްޔެގެ ނިޔަލަށް 37،468 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިއާއިން ކަމަށާއި އެގައުމުން 7507 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރަޝިއާގެ އިތުރުން ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިންނެވެ. އެގައުމުން 3479 ފަތުރުވެރިންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އެމެރިކާއިން އައިސްފައިވާ އިރު، އެގައުމުން ރާއްޖެއަށް 3056 ފަތުރުވެރިން އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް 420،315 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައި ފުރަތަމަ މަހުގެ ތެރޭގައި އައީ އެންމެ 1،752 ފަތުރުވެރިންނެވެ. ނަމަވެސް މި އަދަދު އިތުރުވެ މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 18،601 އަށް އަރައިފައެވެ.