ހަ އަހަރަށްފަހު ކްލަބު އީގަލްސް ދޫކޮށްލި ކެޕްޓަން، ސްރީލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ނެތްތަން ފޫބެއްދުމަށް މި ސީޒަނަށް ބްރެޒިލްގެ ގޯލްކީޕަރެއް ގެންނަން އެ ކްލަބުން ނިންމައިފިއެވެ.

ޑިސެންބަރު މަހު ފެށުމަށް ތައްޔާރުވާ އާ ސީޒަނަށް އީގަލްސްއަށް ގެންނަން ނިންމާފައި ވަނީ އުމުރުން 25 އަހަރުގެ ބްރެޒިލް ގޯލްކީޕަރު އަދްރޭ ރެގްލީއެވެ. ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ވަރުގަދަ އެއް ގައުމު، ބްރެޒިލްގެ އެކި ޑިވިޝަންތަކަށް ކުޅެފައިވާ ރެގްލީ އެންމެފަހުން ކުޅެފައި ވަނީ ބްރެޒިލްގެ ތިންވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ބަރޭ އެސްޕޯޓޭ ކްލޫބޭ އަށެވެ.

އޭގެ ކުރިން 2015 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ރެގްލީ ކުޅެފައި ވަނީ އެގައުމުގެ ފުޓުބޯޅަ ޕިރަމިޑްގެ އެންމެ މަތީ ލެވެލްގެ މުބާރާތެއް ކަމަށްވާ ކަމްޕެނޭޓޯ ކަރިއޯކާގައި ކުޅެފައިވާ ބަންގޫ އަށެވެ. ބްރެޒިލްގެ ފުޓުބޯޅައިގައި އެންމެ ވާދަވެރި ކްލަބުތައް ކަމަށްވާ ފްލެމިންގޯ އާއި ފުލުމިނޭސް އަދި ވަސްކޯ ޑާގާމާ ފަދަ ޓީމުތައް ކުޅޭ އެ މުބާރާތުގައި ރެގްލީ ވަނީ ފްލެމިންގޯ ފަދަ ޓީމުތަކާ ދެކޮޅަށްވެސް ކުޅެފައެވެ.

އީގަލްސްއިން ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ މެޗަކަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު، މި ސީޒަނާ ދިމާކޮށް އެޓީމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އިތުބާރު ގޯލްކީޕަރު ސުޖަން ޕެރޭރާ ކްލަބުން ދިޔުމެވެ. އަމިއްލަ ބައެއް ކަންކަމަށް ވަގުތު ހުސްކުރުމަށް، ސުޖަން ކްލަބު ދޫކޮށް އުފަން ގައުމު ލަންކާގެ ކްލަބަކަށް ކުޅޭނެ ކަމަށް އޭނާ ވަނީ އިއުލާން ކޮށްފައެވެ.

އީގަލްސްއަށް 101 މެޗު ކުޅެދީފައިވާ ސުޖަން ވަނީ 45 ކްލީން ޝީޓް ކްލަބާއެކު ހޯދައިފައެވެ. ޒުވާން އުމުރުގައި ރާއްޖޭގެ އީގަލްސްއަށް ކުޅެން ފެށި ގޯލްކީޕަރު ދިޔައީ ވަރަށް ބޮޑަށް ކުރިއަރަމުންނެވެ. 2016 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމުވެސް އޭނާ ހޯދާފައިވާ އިރު، ސުޖަންއަކީ މިހާރު ލަންކާ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަދި ކެޕްޓަނެވެ.

ކޮވިޑް 19އާއި ގުޅިގެން ރާއްޖޭގެ ކްލަބުތަކަށްވެސް މާލީ ދަތިކަން ދިމާވެފައިވާއިރު، އީގަލްސްއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ މާލީ ދަތިކަމެވެ. އަންނަ މަހު އެއްވަނަ ދުވަހު ފަރިތަކުރުންތައް ފެށުމަށް ތައްޔާރުވަމުން އަންނަ އީގަލްސްގެ ކޯޗަކަށް އަންނަ ސީޒަންގައިވެސް ހުންނާނީ މުހައްމަދު ޝިޔާޒް (މޯހަން)އެވެ. އެކަން ވަނީ ކްލަބުން ޔަގީން ކޮށްދީފައެވެ.