ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ ބާސެލޯނާއިން އިޓަލީގެ ޔުވެންޓަސް ބަލިކޮށްފި އެވެ.
ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗު ބާސާ އިން ކާމިޔާބު ކުރީ 2-0ގެ ނަތީޖާއަކުންނެވެ. ވަރުގަދަ ކުރިމަތިލުމެއް ފެނިގެންދިޔަ މެޗަކީ ބާސާގެ ރައީސް ޖޯސެފް ބާޓޮމިއޫގެ އިސްތިއުފާއަށްފަހު އެޓީމުން ކުުޅުނު ފުރަތަމަ މެޗެވެ. ބާސާގެ އެތެރޭ މައްސަލަތައް ގިނަވެ، ބޯޑު އެއްކޮށް އިސްތިއުފާ ދިންކަން އިއުލާންކުރީ އަންގާރު ދުވަހުގެ ރޭގަ އެވެ.
ރޭގެ މެޗުގެ ކުރިން އެންމެ ގިނައިން ދެކެވުނު އެއް ވާހަކައަކީ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކަ އެވެ. ރޮނާލްޑޯއަށް ކޮވިޑް-19 ޖެހިގެން ތިން ފަހަރަށް ޓެސްޓް ހެދިއިރު ވެސް އޭނާ އަދި ވެސް ޕޮސިޓިވް އެވެ. ރޭގެ މެޗުގައި އޭނާއަށް ކުޅެވެން އޮތީ 24 ގަޑިއިރު ކުރިން ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވެގެންނެވެ. 24 ގަޑިއިރު ކުރިން ހެދި ޓެސްޓް ނަތީޖާ ޕޮސިޓިވްވެ ރޮނާލްޑޯއަށް ރޭގެ މެޗު ގެއްލުނު އިރު، ރޮނާލްޑޯ ވަނީ އޭނާގެ ރުޅިގަނޑު ޕީސީއާރު ޓެސްޓަށް ބާލައިފަ އެވެ.
މިދިޔަ ހަފްތާގައި އެލް ކްލެސިކޯ އިން 3-1 އިން ބަލިވެފައި އޮތް ބާސާ އަށް މި ސީޒަންގެ ފެށުން ގޯސްވެފައި އޮތުމުން ރޭގެ މެޗުގެ ޕްރެޝަރު ބޮޑެވެ. އެހެން ނަމަވެސް މެޗުގައި ދެއްކީ މޮޅު ކުޅުމެކެވެ. އަންދްރޭ ޕިރްލޯއާއެކު އާ ޖީލަކަށް ތައްޔާރުވަމުން އަންނަ ޔުވެންޓަސްގެ ކުރިއަށް ކުޅުނު އަލްވާރޯ މޮރާޓާގެ ފަރާތުން އޮފްސައިޑް ގޯލެއް ފެނުނު ނަމަވެސް، އޭނާގެ ނުރައްކާ ފާހަގަވެފައެއް ނުވެ އެވެ. ޔުވެންޓަސްގެ ކުރިން ރަނގަޅު ޕާސްތަކެއް ކުރިތަން ވެސް ފެނިފައިނުވާ އިރު، މެޗުގެ ކުރީކޮޅުގައި އުސްމާން ޑެމްބެލޭގެ ގޯލާއެކު ބާސާއިން ލީޑު ނެގި އެވެ.
މެޗު ކޮންޓްރޯލްކޮށް ކުޅެމުންދިޔަ ބާސާއަށް ލީޑު ފުޅާކުރެވުނީ މެޗުގެ ފަހު މިނެޓްގަ އެވެ. ޔުވެންޓަސްގެ އޭރިއާ ތެރެއިން އަންސޫ ފަޓީއަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނެލްޓީ ކާމިޔާބުކުރީ ކެޕްޓަން މެސީ އެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ގުރޫޕު ޖީގެ އެއްވަނައިގައި ބާސާ އޮތީ ހަ ޕޮއިންޓާއެކުގަ އެވެ. ޔުވެންޓަސް ދެ ވަނަގައި އޮތީ ތިން ޕޮއިންޓާއެކުގަ އެވެ. އެ ގުރޫޕްގައި ދެން އޮތް ފެރެންކްވާރޮސީ އާއި ޑައިނަމޯ ކިއޭވް ރޭ ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު