ކީރިތި ރަސޫލާ އަށާއި އިސްލާމްދީނާ ގުޅޭ ގޮތުން ބަދުބަސް ބުނެ ނަފްރަތު އުފެއްދުން އިތުރުވަމުން އަންނާތީ އެކަމާ ކަންބޮޑުވެ، އެކުރާ މަސައްކަތްތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަކީ އިސްލާމްދީނުގެ އަސާސްތަކުގެ މަތީގައި އޮވެ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުރިއަރުވާ ގައުމެއް ކަމުގައިވީ ނަމަވެސް އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ، އަގުވައްޓާލަން ދައްކާ ވާހަކަތަކަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ބަލައިނުގަނެވޭނެ ކަމަށެވެ.
"ރާއްޖެއިން އަބަދުވެސް ޓެރަރިޒަމްގެ އަމަލުތައް ކުށްވެރިކޮށް، ޓެރިރަޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ހުރިހާ އަމަލަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސާބިތުވެ ތިބޭނެ. އެހެން ނަމަވެސް އިސްލާމްދީނާއި ޓެރަރިޒަމާއި ހައްދުފަހަނަ އެޅުމާއި ގުޅުވުމަށް ކުރަމުންދާ ހުރިހާ ކަމަކާ ދެކޮޅަށް ރާއްޖެއިން ތެދުވާނެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ސުލްހަވެރިކަމާއި އަމާންކަން ގެނައުމަށް ބައިނަލްއަގްވާމީ މުޖުތަމައާ ގުޅިގެން ރާއްޖެއިން މަސައްކަތް ކުރަން ތައްޔާރަށް އޮތްކަން ފާހަގަކޮށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވަނީ، އަނިޔާވެރިކަމުން ދުރުވެ އިހުތިރާމާއެކު އިންސާނީ ހައްގުތަކުގެ ބޭނުން ކުރުމަށް ގޮވާލައިފަ އެވެ.
ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ފްރާންސްގެ ރައީސް އެމަނުއެލް މެކަރޮން އިސްލާމް ދީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އޭނާއާ ދެކޮޅަށް މުޒާހަރާކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އެގޮތުން މެކަރޮން ވަނީ ފްރާންސްގެ ސްކޫލް ޓީޗަރަކު ކީރިތި ރަސޫލާއަށް ޖޯކު ޖަހައި ކާޓޫން ކުރެހިި މައްސަލަ ހޫނުވެ، ބަޔަކު އެ ޓީޗަރު މަރާލުމާ ގުޅިގެން އެގައުމުގައި ތިބި ދީނީ ހަރުކަށި މީހުން ނައްތާލާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އަދި މެކަރޮން ވަނީ އިސްލާމްދީނަކީ ކާރިސާއެއްގައި އޮތް ދީނެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ