ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ތަރިކަ ހިމާޔަތްކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޒަރުބައިޖާނުން ފަށާފައިވާ މަސައްކަތަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
"ފްރޮމް އައިލެންޑް ހެރިޓޭޖް ޓު ވޯލްޑް ހެރިޓޭޖް: އަޒަރުބައިޖާންސް އިންޓަނޭޝަނަލް ޓެކްނިކަލް އެސިސްޓެންސް އިނިޝިއޭޓިވް ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" ގެ ނަމުގައި މިއަދު ބޭއްވި މަތީ ފަންތީގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ކޮމިޓީގެ މެންބަރެއްގެ ގޮތުން އަޒަރުބައިޖާނުން އަދާކުރާ އިސް ދައުރާއި، ކުދި ޖަޒީރާ ގައުމުތަކަށް އަމަލީ ގޮތުން ފޯރުކޮށްދޭ އެހީތެރިކަން ރާއްޖެއިން ބަލައިގަންނަ ކަމަށެވެ.
ޖަޒީރާ ގައުމުތަކުގެ ތަރިކައަކީ މުޅި ދުނިޔެއަށް މުހިންމު އަދި ނާޒުކު އެއްޗަކަށްވާ އިރު، އެ ތަންތަން ހިމާޔަތްކުރުމަށް ފަންނީ ތަޖުރިބާއާއި، މާލީ އެހީތެރިކަމުގެ އިތުރުން ގާބިލުކަން އިތުރުކުރުމުގެ ފުރުސަތުތައް އެ ގައުމުތަކަށް ބޭނުންވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ގައުމީ ތަރިކަ ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދޭކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމެނުމަށް މިއަހަރުގެ ކުރީކޮޅު ހުށަހަޅާފައިވާ ކަމަށެވެ. މި މިސްކިތްތަކުން ރާއްޖޭގެ އިސްލާމީ ތަރިކައާއި، މަސައްކަތްތެރިކަމުގެ ހުނަރުގެ އިތުރުން ޖަޒީރާ ތިމާވެއްޓާ ގުޅޭގޮތަށް ދިވެހިން ބިނާކުރުމުގެ ކަންކަން ބައްޓަންކޮށްފައިވާ ގޮތް ރަމްޒުކޮށްދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމީ ތަރިކަ ރައްކާތެރިކުރުމަށް ކުރާ ފުޅާ މަސައްކަތްތަކުގެ ތެރެއިން، ލިޔެލާޖެހުމާއި، އަތްތެރިމަސައްކަތް އަދި ކުނާ ވިޔުމަށް ހާއްސަ ތަމްރީނު މަރުކަޒުތަކެއް ގާއިމުކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އާސާރީ ތަރިކަ ރައްކާތެރިކޮށް، ދިރާސާކުރާ ފަރާތްތަކަށާއި ދަރިވަރުންނަށް ފަސޭހައިން މައުލޫމާތު ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި 3ޑީ ސްކޭނިން ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.
ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތާރީހީ ބިނާތަކަށާއި، އާސާރީ ތަންތަނުގެ އިތުރުން ސަގާފީ އާދަކާދަތަކަށް ނުރައްކާ ކުރިމަތިވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބައިނަލްއަގުވާމީ އެހީތެރިކަން ހަމައެކަނި ލިސްޓެއްގައި ތަންތަން ހިމެނުމަށްވުރެ ފުޅާވާންޖެހޭ ކަމަށާއި، ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ ފަންނީ ތަޖުރިބާ ގައުމުތަކަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި ތަންތަން ޑޮކިއުމަންޓްކުރުމާއި، އާބާތުރަފިލުވުމާއި، ސައިޓްތައް މެނޭޖުކުރުމުގެ ހުނަރު އިތުރުކުރުމުގެ އިތުރުން، ތަރިކަ ހުރި ސަރަހައްދުތަކާ ގުޅޭ މޫސުމީ ނުރައްކާތަކުގެ އެސެސްމަންޓްތަކާއި ކާރިސާތަކަށް ތައްޔާރުވުމުގެ އެހީތެރިކަން ހިމެނެއެވެ.
މި ދާއިރާއިން އާ ޖީލެއް ތަމްރީނުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އަޒަރުބައިޖާނުގެ އިސްނެގުމުގެ ދަށުން ލިބެން ހުރި އެހީތެރިކަން ހޯދުމަށް ރާއްޖެއިން އުންމީދުކުރާ ކަމަށެވެ.
ބެޑްމިންޓަން
ނެދަލެންޑް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް
ކޮމެންޓް