އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރުކުރަން ފެށުމާއެކު، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ތާއީދުކުރުމުގެ ގޮތުން ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކެއްގެ މަންދޫބުން ޖަލްސާ ކުރާ މާލަމުން ނުކުމެވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި މަންދޫބުން ނުކުމެވަޑައިގަތުމަކީ ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުވެ ތިބުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާފަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ކުރި ކަމެކެވެ. ރާއްޖެއިން އެހެން ގައުމުތަކާ ގުޅިގެން މާލަމުން ނުކުތީ ފަލަސްތީނުގެ ހައްގުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރުމުގެ ގޮތުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ އާންމު މަޖިލީހުގެ ބަހުސްގައި އިޒްރޭލުގެ ބޮޑުވަޒީރު ވާހަކަދެއްކުމަށް އެރުމާއެކު، އެކި ގައުމުތަކުގެ ސަފީރުންނާއި ވަފުދުތަކުގެ ވެރިން ވަނީ އެއްފަހަރާ ތެދުވެވަޑައިގެން މާލަން ދޫކުރައްވައި ވަޑައިގެންފައެވެ. މި ހަރަކާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއެކު ރާއްޖޭގެ މަންދޫބުންގެ އިތުރުން އިސްލާމީ ގައުމުތަކާއި އެހެނިހެން ގިނަ ގައުމުތަކުގެ ވަފުދުތައް ބައިވެރިވިއެވެ.

މި އިހުތިޖާޖުގެ ސަބަބުން ނަތަންޔާހޫ ތަގުރީރު ކުރެއްވި އިރު، އާންމު މަޖިލީހުގެ މާލަމުގެ ގިނަ ގޮނޑިތައް ހުރީ ހުހަށެވެ. މިއީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ އުދުވާނާ ދެކޮޅަށް ބައިނަލްއަގުވާމީ މަސްރަހުގައި އިޒްރޭލު އެކަހެރިވަމުންދާކަން ހާމަވެގެންދިޔަ މުހިންމު ހަރަކާތެއްގެ ގޮތުގައި މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

މީގެ ކުރިން ވެސް އދ. ގެ އެކި ޖަލްސާތަކުގައި އިޒްރޭލުގެ ފަރާތުން ވާހަކަދައްކަން ފެށުމުން، ގިނަ ގައުމުތައް މާލަން ދޫކޮށް ގޮސްފައިވެއެވެ.