ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް އެބަދާ ކަމަށާއި މުޅި މަޝްރޫއުގެ 25 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ހަނިމާދޫ ފަޅު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. މިހާތަނަށް މި މަސައްކަތުގެ 53 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 53،523 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމުގެ އިތުރުން 31,576 މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން 270 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތާއި، 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ އިތުރުން ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ 57.12 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މެއި މަހު ކަމަށް އެމްޓީސީސީން ބުނެއެވެ.