އުންމީދަކީ މި ސީޒަނަށްފަހުވެސް ލިއޮނަލް މެސީ ބާސެލޯނާގެ ކޮންޓްރެކްޓް އާކޮށް، ކެރިއަރު އެ ކްލަބުގައި ނިންމައިލުން ކަމަށް ބާސާގެ ރައީސް ޖޯސެފް ބާޓެމިއު ވިދާޅުވެއްޖެއެވެ.

މިދިޔަ ސީޒަން ނިމުމާއެކު ބާސެލޯނާގެ ކެޕްޓަން މެސީ ވަނީ ކްލަބު ދޫކޮށްލަން އަމިއްލައަށް އެދިފައެވެ. މެސީ އެދިފައިވަނީ އޭނާއާއެކު ބާސާ އިން ވެފައިވާ ކޮންޓްރެކްޓު އުވާލައިދިނުމަށެވެ. އެކަމަށް ބާސާގެ ރައީސް ބާޓެމިއު ދެކޮޅު ހަދާފައިވާ އިރު، އޭނާ ވަނީ މެސީއަށް ގާނޫނީ ގޮތުން ވެސް ހުރަސް އަޅައިފައެވެ. ގާނޫނީ ބޮޑު ހަނގުރާމައަކަށް ދާން ޖެހިދާނެތީ މެސީ ވަނީ މި ސީޒަނަށް ބާސާގައި މަޑުކުރަން ނިންމައިފައެވެ.

މެސީ މީޑިއާއަށް ބުނެފައިވަނީ މިސީޒަނަކީ އޭނާ ބާސާ ޖާޒީގައި ކުޅޭނެ ފަހު ސީޒަން ކަމަށާއި ބާސާގެ ރައީސް ބާޓެމިއޫއަކީ ދޮގު ހަދައި، އޮޅުވައިލާ މީހެއް ކަމަށެވެ. މެސީގެ މައްސަލައިގެ އިތުރުން އެތައް ގިނަ ސަބަބުތަކާ ހުރެ ބާސާގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ކްލަބުން ތައްޔާރުވެފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުން ބާސާގެ ރައީސް ބަދަލުވެއްޖެ ނަމަ، މެސީ އަދިވެސް އެ ކްލަބުގައި މަޑުކުރާނެއެވެ.

މެސީ ކްލަބުގައި މަޑުކުރުވަން ނިންމި ނިންމުމާ ގުޅިގެން ބާސާގެ ރައީސް ވިދާޅުވީ އެކަން އެގޮތަށް ކުރީ ފައިސާގެ ދަހިވެތިކަމުގައި ނޫން ކަމަށާއި މެސީ އެހެން ކްލަބަކަށް ފޮނުވައި ނުލީ ކްލަބަށްޓަކައި ކަމަށެވެ.

"މެސީ އިދިކޮޅު ވަރުގަދަ ޓީމަކަށް ދާން ދޫކޮށް ނުލެވޭނެ. އަހަރެންނަށް ކުރެވުނު ތުހުމަތެއް އެއީ، މެސީ ފޮނުވައިލަން އުޅުނީ ފައިސާގެ ގޮތުން ބެލެންސް ކުރުމަށް ކަމަށް. އެއީ ހަގީގަތެއް ނޫން. މެސީއަކީ ބާސާގެ އެންމެ މުހިއްމު ތަނބު. މެސީ ނުފޮނުވާ ބެހެއްޓީ ބާސާއަށްޓަކައި. މެސީގެ ރުޅިވެރިކަން އަހަންރެންނަށް ގަބޫލުކުރެވޭ. މެސީއާއި އާއިލާއަށްވެސް އަހަރެން ވިސްނައިދޭން މަސައްކަތް ކުރީ އާ ކޯޗު ކޯމަންއާއެކު ބާސާ މުޅިން އާ ޖީލަކަށް ތައްޔާރުވާ އިރު، އެ ޕްލޭންގެ ލީޑަރަކީ މެސީއަށްވުމުން. އުންމީދަކީ މި ސީޒަނަށްފަހު ކޮންޓްރެކްޓް އާކޮށް، ބާސާގައި ކެރިއަރު ނިންމާލާނެ ކަމަށް،" ބާސާގެ ރައީސް ވިދާޅުވިއެވެ.

އުމުރުން 33 އަހަރުގެ މެސީގެ ކޮންޓްރެކްޓް އަންނަ އަހަރަށް ހަމަވާނެއެވެ. ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްނުވެއްޖެ ނަމަ، ހިލޭ ޓްރާންސްފާއެއްގައި އޭނާ ގެންދިއުމަށް ކްލަބުތަކަށް ފުރުސަތު ލިބޭނެއެވެ. ހަ ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ ގެންދިއުމަށް އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރީ މެންޗެސްޓާ ސިޓީންނެވެ.