އިލެކްޝަންސް ކޮމިޝަން

އެންއައިސީގެ ކުރީގެ ރައީސް، މާނިއު އަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

އިތުރު ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފި އެވެ.

އީސީން މިއަދު ބުނީ، "ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް"ގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެެވެ. އެ ހުއްދަ ދީފައިވަނީ ނެޝަނަލް އިންޓަގްރީޓީ ކޮމިޝަން (އެންއައިސީ)ގެ ކުރީގެ ރައީސް، ގ. އަތަ، ޔޫސުފް މާނިއު މުހައްމަދަށެވެ.

ޕާޓީ ހަދަން ހުއްދަ ދިނުމުން ފުރަތަމަ ޖެހޭނީ 3000 މީހުންގެ ސޮއި ހަމަކޮށް އީސީއަށް ހުށަހަޅާށެވެ. އެ ސޮއިތަކުގެ ސައްހަކަން ބެލުމަށްފަހު އީސީން ދެން ހުއްދަ ދޭނީ ޕާޓީގެ ފުރަތަމަ އާންމު ޖަލްސާ ބާއްވާށެވެ. އީސީގެ އޮފިޝަލުން މޮނީޓާކުރާ އެ ޖަލްސާގައި މަދުވެގެން 300 މީހުން ބައިވެރިވާން ޖެހޭއިރު، ޖަލްސާގައި ނިންމާ ކަންތައްތައް އީސީއަށް ހުށަހެޅުމުން، މައްސަލައެއް ދިމާނުވާނަމަ ޕާޓީ ރަޖިސްޓްރީ ކޮށްދޭނެއެވެ.

އީސީގައި މިވަގުތު 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްފައިވެ އެވެ. އެއީ ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)، އަދާލަތު ޕާޓީ (އޭޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)، މޯލްޑިވްސް ރިފޯމް މޫވަމްނަޓް (އެމްއާރުއެމް)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީ) އަދި ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) އެވެ.