ސިއްހީ ހާލުކޮޅު ގޯސްވެގެން މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، މިއަދު ހެނދުނު އެމަނިކުފާނާ ބައްދަލު ކުރެއްވިއިރު، ޝިޔާމުުގެ ހިތް ހެޔޮ ކަމަށާއި، ފަހުން ހިތް ހަލާކުވާން މެދުވެރިވުމަކީ މިފަދަ މަޖިލީހެއްގައި ވެދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި ފަހުން ސިއްހީ ހާލުކޮޅު ގޯސްވެގެން ޝިޔާމަށް ފަރުވާދެމުން އަންނަ މައްސަލައިގައި، މަޒާޖީ ގޮތެއްގައި، މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ނައިފަރު ދާއިރާގެ މެންބަރުގެ އީސީޖީ ދައްކާގޮތުން އެބޭފުޅާގެ ހިތް، ހަމަ ވަރަށް ރަނަގަޅު ކަމަށެވެ. އަދި ނައިފަރު ދާއިރާގެ މެންބަރުގެ ހިތާ ގުޅޭ ގޮތުން އެއްވެސް އިރެއްގައި "އަޅުގަނޑުމެންގެ ހިތުގައި ޝައްކު އުފެދިފައެއް ނޫން އޮތީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޝިޔާމުގެ އިތުރު އީސީޖީއެއް ނެގުމަށް ހޮސްޕިޓަލްގައި އެދިފައިވާ ކަމަށެވެ. އަދި ދެވަނަ އީސީޖީއެއް ނަގައިގެން މެންބަރު ޝިޔާމުގެ ހިތް ރަނގަޅުތޯ ކަށަވަރު ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ހޮސްޕިޓަލްގައި އެދިއްޖައިން އަދި އެއް އީސީޖީ ނަންގަވައިދެއްވުމަށް، ދެ އީސީޖީ ނަގައިގެން މިކަން ކަށަވަރުކުރުން އެއީ އަޅުގަނޑު ހިތުން ނައިފަރުގެ އިއްޒަތްތެރި މެންބަރުގެ ހިތް މުޅިން ރަނގަޅުތޯ އަޅުގަނޑުމެން އެބަ ޖެހޭ ކަށަވަރުކުރަން، އިރާދަ ކުރެއްވިއްޔާ އެ މެންބަރުގެ ހިތް ހަމަ ވަރަށް ރަނގަޅަށް ހުރީ، ހަމަގައިމުވެސް މިއަދު ހެނދުނު އަޅުގަނޑާ ބައްދަލުވިއިރުގައި ހިތް ހެޔޮ، ދެން ފަހުން ހިތް ހަލާކުވިކަމެއް، އެފަދަ ކަމެއް މެދުވެރިވުން އެއީ ވެދާނެ ކަމެއް، މިފަދަ މަޖިލީހެއްގައި،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވީހާވެސް އަވަހަށް މެންބަރު ހޮސްލިޓަލުން ނުކުންނަވައި ހެޔޮ ހާލުކޮޅުގައި އަނެއްކާވެސް ބައްދަލު ކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޕީއެންސީގެ ރައީސް އަބްދުއް ރަހީމް މީޑިއާތަކަށް ވިދާޅުވީ، ޝިޔާމަށް އިމަޖެންސީގައި ފަރުވާ ދެމުން އަންނަނީ ވަރަށް ބޮޑަށް ހުން ގަދަވެގެން ކަމަށެވެ.