ރާއްޖެއާއި އިންޑިއާގެ ކޮޗިންއާއި ދެމެދު ގާއިމުކޮށްފައިވާ ކާގޯ ފެރީގެ ނިޒާމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ފުޅާވެ، ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އިގްތިސޯދީ މާހިރުން ވިދާޅުވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި، ރާއްޖެ އާއި ކޮޗިންއާ ދެމެދު ވިޔަފާރީގެ ޝެޑިއުލް ދަތުރުތަކެއް ފެށުމުން، ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް ވިއްކުމުގެ ދޮރު ހުޅުވި ހެޔޮ އަގުގައި ރާއްޖެއަށް މުދާ އެތެރެކުރެވި، އެކަމުގެ ނަފާ ރައްޔިތުންނަށް ކުރާނެއެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވާއިރު، ސޫތުކުޅިންނާއި ކޮޗިން އިން މުދާ ހިފައިގެން ކާގޯ ފެރީ ރާއްޖެއަށް ފުރަތަމަ އައީ، މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެގޮތުން ކާގޯ ފެރީ ފުރަތަމަ ގާތްކުރީ ހދ. ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުށި ސިޓީއަށް މުދާ ބޭލުމަށް ފަހު ކާގޯ ފެރީ ވަނީ ފަހުން މާލެއަށްވެސް މުދާ ބާލައިފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބުނީ، ރާއްޖެއާއި އިންޑިއާއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށުމުން މަހެއްގެ މައްޗަށް ދޭއް ނުވަތަ ތިން ދަތުރު ކުރާނެ ކަމަށެވެ. މި ފެރީން ކުރި ފުރަތަމަ ދަތުރުގައި ރާއްޖެއަށް ގެނައީ، 500 ޓަނުގެ ސިމެންތި އާއި 20 ފޫޓުގެ ދެ ކޮންޓެއިނަރެވެ. ކޮޗިން ފެރީއަކީ "އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.
ރާއްޖެއާ އިންޑިއާއާ ދެމެދު ގާއިމުކުރެވުނު ކާގޯ ފެރީގެ ސަބަބުން އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އިގްތިސޯދީ މާހިރުން ދެކެއެވެ. އެއީ އެ ސަރަހައްދުގެ ރަށްތަކަށް ސީދާ އިންޑިއާއިން މުދާ ގެނެވެން ފެށުމުން މާލެއަށް ބަރޯސާވުން ކުޑަވެ، ތަކެތީގެ އަގުވެސް ބޮޑުތަނުން ހެޔޮވެގެން ދާނެތީއެވެ.
ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި މައިގަނޑު ގޮތެއްގައި ގެނައީ "ރެމްކޯ" ބްރޭންޑްގެ ސިމެންތިއެވެ. އެއާއެކު އުތުރުގެ އަތޮޅުތަކުގައި ހާއްސަކޮށް ހދ. ކުޅުދުއްފުށީގައި ސިމެންތި ވިއްކާ އަގު ވަނީ ހެޔޮވެގެން ގޮސްފައެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް، އަބްދުއްލަތީފް ހަސަން "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮޗިން ފެރީގެ ފުރަތަމަ ދަތުރުގައި މައިގަނޑުގޮތެއްގައި ގެނެސްފައި ވަނީ ސިމެންތި ކަމަށެވެ. އެއާއެކު، އެސްޓީއޯއިން ވިއްކާ ސިމެންތީގެ އަގު ވެސް ހެޔޮވެފައިވާ ކަމަށް ވިދާޅުވިއެވެ.
"ކާގޯ ފެރީއާއެކު އެސްޓީއޯއިން ވިއްކާ ސިމެންތީގެ އަގު މިވަނީ ވަރަށް ބޮޑަށް ހެޔޮވެގެން ގޮސްފައި. އެގޮތުން ކުރިން މިރަށުން 140ރ ވަރަށް ލިބެން ހުރި ސިމެންތި ބަސްތާ މިހާރު އެބަ ލިބޭ 100 ވަރަކަށް ރުފިޔާއަށް. މިއީ ވަރަށް ބޮޑު އަގުހެޔޮވުމެއް. ކައިރި ބައެއް ރަށްރަށަށްވެސް ހަމަ ހެޔޮ އަގުގައި ސިމެންތި ލިބޭނެ މިހާރު" އަބްދުއް ލަތީފް ވިދާޅުވިއެވެ.
އެސްޓީއޯއިން ބުނީ، ކާގޯ ފެރީން ގެނައި މުދަލުގެ އަގު ހެޔޮވީ ފްރައިޓު ޗާޖު ކުޑަވުމުގެ އިތުރުން މާލެ ގެނައުމުގެ ބަދަލުގައި ކޮޗިންއިން ކުޅުދުއްފުއްޓަށް ގެންނައިރު ދަތުރުގެ ދިގުމިން ކުޑަވުމުގެ ސަބަބުން ބޯޓުތަކުން ނަގާ އަގުވެސް ކުޑަވުމުން ކަމަށެވެ.
އަބްދުއްލަތީފު ވިދާޅުވީ، ކޮޗިން ފެރީގެ ހަގީގީ ފައިދާ ފެންނާނީ، ކޮވިޑްގެ ހާލަތަށް ފަހު ދުނިޔޭގެ އިގްތިސޯދު ހަމައަކަށް އެޅުމުން ކަމަށެވެ. އޭނާ ސިފަކުރާ ގޮތުގައި ކޮޗިން ފެރީ ވެގެންދާނީ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ދިރިއުޅޭ ކުޅުދުއްފުށީގެ ތަރައްގީއަށް އެޅޭ ފާލަމަކަށެވެ.
"މީ ބޮޑު އާބާދީ އެއް އޮތް ސިޓީއެއް. ގިނަ ބަޔަކު އާމްދަނީ ހޯދުމަށް މިކުރާ ކަމަކީ ވިޔަފާރިކުރުން. އާންމުކޮށް މިކުރާ ވިޔަފާރިއަކީ ބޭރުން އެކި ކަހަލަ މުދާ ގެނެސްގެން ވިއްކުން. ދެން ކޮޗިން ފެރީ އޭގެ ޒާތުގައި ހިނގައިގަނެވެން ފެށީމާ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ބޭރުން ހާއްސަކޮށް އިންޑިއާ ކަހަލަގެ ބޮޑު މާކެޓަކުން މުދާ ގެނައުމަށް" އަބްދުއްލަތީފް ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި އިމާރާތްކުރުމުގެ ވިޔަފާރި ކުރާ ފަރާތަކުން "ވަން" އަށް މައުލޫމާތު ދެމުން ބުނީ، ކޮޗިން ފެރީގެ ސަބަބުން ސިމެންތީގެ އަގު ހެޔޮވި ކަމަށެވެ. އަދި މުސްތަގުބަލުގައި އިތުރު ތަކެތި ގެނެވެން ފެށުމުން އިތުރު މުދަލުގެ އަގު ހެޔޮވެ އެކަމުގެ ނަފާ ވިޔަފާރިވެރިންނަށް ބޮޑުތަނުން ކުރާނެ ކަމަށް އޭނާ ބުންޏެވެ. އަދި އޭރުން ހިދުމަތުގެ އަގާއި، ތަކެތީގެ އަގުވެސް ހެޔޮވެގެންދާނެ ކަމަށް ބުންޏެވެ.
ކޮޗިން ފެރީއާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވިދާޅުވީ، އިންޑިއާގެ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރިވެރިން ގަންނަ މުދާ ކަމަށާއި، އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށެވެ.
ރާއްޖެއަކީ ބޭރު ގައުމުތަކުގެ އެތެރެކުރާ މުދަލަށް ބަރޯސާ ވެފައިވާ ގައުމެކެވެ. ރާއްޖައަށް އެތެރެކުރާ މުދަލާއި އަޅައި ބަލާއިރު ރާއްޖޭން ބޭރުކުރާ މުދާ އުޅެނީ ވަރަށް ދަށުގައެވެ. އާންމު ގޮތެއްގައި ރާއްޖެއިން ބޭރުކުރަނީ މަހުގެ ބާވަތްތަކެވެ.
އިންޑިއާއާއި ރާއްޖެއާ ކާގޯ ފެރީގެ ނިޒާމަކުން ގުޅާލެވުމުން، ރާއްޖޭގެ އުފެއްދުންތައް ފަސޭހަކަމާއެކު އިންޑިއާ މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓުތަކަށް ވިއްކުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. ރާއްޖެއަކީ އެކަށީގެންވާ ވަރަކަށް ދަނޑުވެރިކަންވެސް ކުރާ ގައުމެކެވެ. ވިޔަފާރީގައި ތަޖުރިބާ ހުރި ބައެއް ބޭފުޅުންގެ ނަޒަރުގައި ރާއްޖެއިން ހައްދާ ބައެއް ބާވަތްތައް އިންޑިއާއަށް އެކްސްޕޯޓް ކުރެވިދާނެއެވެ. އަދި މަހުގެ ބާވަތްތަކާއި ރާއްޖޭގައި އުފައްދާ އެނޫންވެސް ތަކެތި އިންޑިއާއަށް އެކްސްޕޯޓް ކުރެވިދާނެއެވެ.
"ރާއްޖޭގައި ކޮންމެވެސް ވަރަކަށް އެބަހުރި އިންޑިއާއަށްވެސް އެކްސްޕޯޓް ކުރެވިދާނެ ބާވަތްތައް. އެގޮތުން ރޯނާއި، ދަނޑުވެރިކަމުގެ ބާވަތްތަކާއި ބޮލި، އަދި މަހުގެ ބާވަތްތަކާއި ދިވެހި އަމިއްލަ އުފެއްދުންތައްވެސް އިންޑިއާގެ މާކެޓަށް އެކްސްޕޯސް ކުރެވިދާނެ" ވިޔަފާރިވެރިއަކު ބުންޏެވެ.
އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާ ދެމެދު ކާގޯ ފެރީ ފެށުމަކީ މާލެއަށް ބަރޯސާވެ ތަރައްގީގެ ކަންކަން ކުރަމުން އައި އައުން ނިމުމަކަށް ގެނައުމުގެ ފެށުންކަމަށް ސަރުކާރުން ބުނެފައިވާއިރު، ކާގޯ ފެރީގެ ފުރަތަމަ ދަތުރާއެކުވެސް ފެނިގެން ގޮސްފައިވަނީ އެމަންޒަރެވެ. ބޮޑު ތިލަދުންމަތީގެ ވިޔަފާރިއަށް ކާގޯ ފެރީގެ ސަބަބުން އިތުރު ދިރުމެއް ލިބިގެން އައި ތަނެވެ. މުސްތަގުބަލުގައި ޝެޑިއުލްއާ އެއްގޮތަށް ދަތުރުތައް ކުރެވެން ފެށުމުން ބޮޑު ތިލަދުންމަތިީގައި ވިޔަފާރީގެ ވާދަވެރިކަން އިތުރުވެގެންދާނެއެވެ. އަދި ތަކެތީގެ އަގު ހެޔޮވެ، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ކުރާނެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް