އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމްއިން ބާންލީ ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ޓޮޓެންހަމްއިން ބާންލީ ބަލިކުރީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ފެނުނު ގޯލަކީވެސް ހެރީ ކޭންއާއި ހިއުން މިއުން ސޮންގެ ކޮންބިނޭޝަންއިން ފެނިގެން ދިޔަ ގޯލެކެވެ. ސޮންއާއި ކޭންގެ ގުޅުން މި ސީޒަންގެ ގިނަ ގޯލްތަކެއްގައި ފެނިފައިވާއިރު، މިހާރު އެ ދެކުޅުންތެރިންނަކީ ޕްރިމިއާލީގުގެ ތާރީހުގައިވެސް އެންމެ ނުރައްކާތެރި އެއް ޕާޓްނާޝިޕެވެ.

ކޭންއާއި ސޮން އެކުވެގެން 29 ގޯލެއް ޖަހާފައިވާއިރު، އެއީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ދެވަނައަށް އެންމެ ނުރައްކާތެރި ކޮންބިނޭޝަންއެވެ. އެ ލިސްޓްގެ އެއްވަނަ ލިބެނީ ޗެލްސީއަށް އެކުގައި ކުޅުނު ޑީޑިއާ ޑްރޮގްބާއާއި ފްރޭންކް ލެމްޕާޑަށެވެ. އެ ދެކުޅުންތެރިން އެކުވެގެން 36 ގޯލެއް ޖަހާފައިވެއެވެ. އާސެނަލްގައި ވިދާލި އެޓޭކިން ދެކުޅުންތެރިން ކަމަށްވާ ތިއަރީ އޮންރީއާއި ރޮބާޓް ޕިރޭސްގެ ޕާޓްނާޝިޕްވެސް 29 ގޯލް ޖަހާފައިވާއިރު، ސިޓީގެ ސާޖިއޯ އަގުއޭރޯއާއި ޑޭވިޑް ސިލްވާގެ ޕާޓްނާޝިޕުންވެސް ވަނީ ލީގުގައި 29 ގޯލް ޖަހާފައެވެ.

މިހާތަނަށް ލީގުގައި ސޮން ޖެހި އަށްވަނަ ގޯލް، ރޭގެ މެޗުގެ 29 ވަނަ މިނެޓުގައި އޭނާ ޖެހީ ކޭން ބޮލުން ހުރަސް ކޮށްލި ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ. ސޮންއަކީ މިވަގުތު ލީގުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ.

ބާންލީއަށްވެސް ފުރުސަތުތަކެއް ލިބުނެވެ. އެޝްލީ ބާންސް ގޯލް ތެރެއަށް ވައްދާލީ ބޯޅަ ސައިޑް ކަމަށް ނިންމިއިރު، ޖޭމްސް ޓަރްކޮވްސްކީގެ ހަމަލާ ކޭން ދުއްވާލީ ސީދާ ގޯލް ރޮނގުމަތިންނެވެ. އޭގެ އިތުރުން ދެ ހަމަލާއެއް ޓޮޓެންހަމް ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ.

މެޗުން މޮޅުވެ ސްޕާސް އޮތީ ހަ މެޗުން 11 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ބާންލީއަށް ފަސް މެޗުން ލިބުނީ އެއް ޕޮއިންޓެވެ. އެޓީމު އޮތީ ފަހަތުން ތިންވަނައިގައެވެ.