ޅ. ނައިފަރުގެ ފެނާއި ނަރުދަމާ އަދި ތ. ވޭމަންޑޫ ނަރުދަމާ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް އެމްޑަބްލައިޔުއެސްސީއާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫއުތަކަށް ފަންޑު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮޕިޑް) ފޭސް ދޭއް ލޯނު އެހީ އަދި ސަރުކާރުގެ ބަޖެޓުން ކަމަށެވެ.
ނައިފަރުގެ ނަރުދަމާގެ މަޝްރޫއަކީ އައިޑީބީގެ އެހީގައި 24.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. އަދި އެރަށުގެ ފެނުގެ ނިޒާމަކީ އޮޕިޑް ފަންޑުން 13.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މި ދެ މަޝްރޫއުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މީގެ އިތުރުން ވޭމަންޑޫ ނަރުދަމާގެ މަޝްރޫއަކީ އައިޑީބީގެ އެހީގައި 17.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުތަކުގެ ތެރެއިން ނައިފަރާއި ވޭމަންޑޫ ނަރުދަމާގެ ނުނިމި ހުރި ހުރިހާ މަސައްކަތެއް ނިންމަން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ހޮޅި ވަޅުނުލައި ހުރި ސަރަހައްދުތަކުގައި ހޮޅި ވަޅުލުމާއި ޕަންޕް ސްޓޭޝަންތައް ގާއިމް ކުރުމާއި އޮފީސް ބައިގެ މަސައްކަތްތައް ނިންމުމާއި ސްވަރޭޖް ޓްރީޓްމެންޓް ޕްލޭންޓްގެ މަސައްކަތްތައް ނިންމުން ހިމެނެއެވެ.
މިނިސްޓްރީން ބުނީ ނައިފަރުގެ ފެނުގެ ނިޒާމުގެ މަޝްރޫއުގައި ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ފެން ހޮޅި ވަޅުނުލާ ހުރި ސަރަހައްދުތަކުގައި ފެން ހޮޅި ވަޅުލުމާއި އާރްއޯ ޕްލާންޓް އިންސްޓޯލް ކުރުމާއި ސްޓޯރޭޖް ޓޭންކް މަރާމާތު ކުރުމާއި ގޭގެއަށް ފެންގުޅައިދިނުމާއި އައުޓް ފޯލް އެޅުން ހިމެނޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު