ކުޅުދުއްފުށި ސިޓީން ނެގި 220 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ އެޓޯލް ޕްރިޕެއާޑްނެސް ޓީމުގެ އަބްދުﷲ މައުރޫފް ވިދާޅުވީ ކުޅުދުއްފުށީގައި ޑޮކްޓަރަށް ދައްކަންދާ ފަރާތްތަކުގެ ތެރެއިން ސިމްޓަމްސް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގަމުން އަންނަ ކަމަށާއި އެގޮތުން 17 އޮކްޓޯބަރުން ފެށިގެން މިއަދާ ހަމައަށް ޑޮކްޓަރަށް ދައްކަން ދިޔަ ބަލިމީހުންގެ ތެރެއިން 84 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލްގެ ދެވަނަ ބުރެއް އިއްޔެ ފަށާފައިވާ ކަމަށާއި އެގޮތުން އިއްޔެ 100 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އޭގޮތުން 15 ގެއަކުން ސާމްޕަލް ނަގާފައިވާ ކަމަށާއި ކެފޭ ރެސްޓޯރެންޓްތަކުން 25 ސާމްޕަލެއް ނަގާފައިވާ ކަމަށާއި ބެންކާއި އެއާޕޯޓުން ނުވަ ސާމްޕަލް އަދި 11 ޓެކްސީ ޑްރައިވަރެއްގެ ސާމްޕަލް ނެގިފައިވާ ކަމަށެވެ. ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްވެފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"ދެ ބުރެއްގެ މަތިން ރެންޑަމް ސާމްޕަލް ނަގާފައި. ފުރަތަމަ ބުރުގައި އަޅުގަނޑުމެން ވަނީ 120 ސާމްޕަލް ނަގާފައި. ދެވަނަ ބުރުގައި 100 ސާމްޕަލް ނަގާފައި. ޖުމްލަ 220 ރެންޑަމް ސާމްޕަލް ނެގިއްޖެ. ފުލޫ ސާމްޕަލްގެ ގޮތުގައި މިއަދާ ހަމައަށް 84 ސާމްޕަން ނެގުނު،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ކުޅުދުއްފުށީގައި އިތުރަށް އަދިވެސް ބަލަންޖެހޭ ކަންކަން ބަލަމުންދާނެ ކަމަށެވެ. އަދި ފުލޫ އަލާމާތް ހުންނަ މީހުން ޑޮކްޓަރަށް ދައްކަން ދިއުމަށް އިލްތިމާސްކުރާ ކަމަށާއި ފުލޫ ހުންނަ ފަރާތްތަކުގެ ސާމްޕަލް ނެގި ޓެސްޓް ކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އުތުރު ޕޮލިސް ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމްލަ 19 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއީ ކުޅުދުއްފުށިން ޕޮޒިޓިވްވި 13 މީހަކާއި ހދ. ކުރިނބިން ޕޮޒިޓިވްވި މީހަކާއި ށ. ފޯކައިދޫން ޕޮޒިޓިވްވި މީހެއްގެ އިތުރުން ހއ. ދިއްދޫން ޕޮޒިޓިވްވި ހަތަރު މީހެކެވެ.