އެންޓިބޮޑީ ސާވޭއަށް 18 އަހަރުން މަތީގެ މީހުން އެއްބާރުލުންދޭ މިންވަރު ކުޑަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ އެންޓިބޮޑީ ޓެސްޓުގެ 18 އަހަރުން ދަށުގެ ކުދިންގެ ޓެސްޓު ހެދުމުގެ މަސައްކަތް މިހާރުވެސް ސްކޫލުތަކުގައި ކުރިއަށްދާ ކަމަށާއި 18 އަހަރުން މަތީގެ މީހުންގެ އެންޓިބޮޑީ ސާމްޕަލް ނެގުމުގެ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށެވެ.

"ރެންޑަމްކޮށް ހޮވައިލެވުނު ފަރާތްތަކަށް މީގެ މެސެޖް ދާނެ ބައިވެރިވުމަށް. އެހެން ނަމަވެސް މިހާރު ފާހަގަކުރެވެނީ 18 އަހަރުން މަތީގެ އުމުރުފުރައިގެ، ހާއްސަކޮށް 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރައިގެ ސާމްޕްލިންނަށް ހޮވިފައިވާ ފަރާތްތަކަށް މެސެޖު ފޮނުވީމަ މީގެ ތެރެއިން ވަރަށް މަދު ފަރާތެއް މި އަންނަނީ. ގާތްގަނޑަކަށް ތިން ބައި ކުޅަ އެއް ބައި މިހާތަނަށް ކަނޑައެޅިފައި އޮތް ގަޑިއަށް ސާމްޕަލް ނަގާ ތަނަށް ވަޑައިގެންނެވީ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މި ސާވޭއަކީ ވަރަށް މުހިންމު ސާވޭއެއް ކަމަށާއި މި ސާވޭގެ ސަބަބުން އެކި އުމުރުފުރާގެ ތެރޭގައި މި ބަލި މިހާތަނަށް ޖެހިފައި ހުރި މިންވަރު ދެނެގަނެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ބަލި އިތުރަށް ފެތުރެން ފަށައިފިނަމަ ފިޔަވަޅުތައް އަޅާނެ ގޮތާ މެދު ވަރަށް ގިނަ މައުލޫމާތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަޒްލާ ވަނީ ސާމްޕަލް ނަގަން ހޮވިފައިވާ ފަރާތްތަކުން ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ތަނަށް ގަޑިއަށް ގޮސް ނެގުމަށް އެދިވަޑައިގަންނަވައިފައެވެ. އެންޓިބޮޑީ ޓެސްޓުގައި ގިނަ ފަރާތްތަކުން ބައިވެރިވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

އެންޓިބޮޑީ ޓެސްޓުގެ ދެވަނަ ބުރު ފަށާފައިވާ އިރު، މި ސާވޭއަށް ޖުމުލަ 4098 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވަނީ ބުނެފައެވެ.

އެންޓިބޮޑީ ޓެސްޓުގެ ފުރަތަމަ ބުރު ކަމަށްވާ 18 އަހަރުން ދަށުގެ ކުދިންގެ 936 ފަރާތެއްގެ ސާމްޕަލް ނަގާނެއެވެ. އަދި ދެވަނަ ބުރުގައި 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންގެ 1730 ސާމްޕަލް ނަގައި ޓެސްޓުކުރާނެއެވެ.

މީގެ އިތުރުން ތިންވަނަ ބުރުގައި ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ 35 އަހަރާއި 59 އަހަރާ ދެމެދުގެ މީހުންގެއެވެ. އެގޮތުން 1232 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރާނެއެވެ. އަދި އެންމެ ފަހު ބުރުގައި ސާމްޕަލް ނަގާނީ 60 އަހަރުން މަތީގެ މީހުންގެއެވެ. އެގޮތުން 60 އަހަރުން މަތީގެ 200 މީހެއްގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ރެންޑަމްކޮށް ހޮވޭ މީހާ ސާމްޕަލް ދިނުމަށް ދާންޖެހޭނީ ހަވީރު 4:00 އިން ރޭގަނޑު 7:00އާ ދެމެދު މާލޭގައިނަމަ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ސައިންސް ނުވަތަ ފެކަލްޓީ އޮފް އެޑިއުކޭޝަނަށެވެ. ހުޅުމާލޭގައިނަމަ ޖެމްސް ޕްރީ ސްކޫލަށް އަދި ވިލިމާލޭގައިނަމަ ވިލިމާލެ ހޮސްޕިޓަލަށެވެ. އަދި ބަލި ހާލު ހުރިގޮތުން ޓެސްޓުކުރާ ތަނަށް ނާދެވޭ ހާލަތުގައި، އެމީހަކު ހުރި ގެއަކަށް ގޮސް ސާމްޕަލް ނަގާނެއެވެ.