ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރ. ކުޑަކުރަތުން މިއަދު އިތުރު އެކަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެރަށުން ޕޮޒިޓިވްވީ ޖުމުލަ 57 މީހުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އިއްޔެ އެޗްއީއޯސީން ބުނީ ކުޑަކުރަތުން އިއްޔެ 52 މީހަކު ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 63 އަށް އަރާފައިވާ ކަމަށެވެ. އަދި ކުޑަކުރަތުން ބަލީގެ އަލާމާތްތައް ހުރި މީހުން ފެނިގެން ނެގި ސާމްޕަލްތަކުން އެރަށުން ފުރަތަމަ ކޭސްތައް ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް އެޗްއީއޯސީން އިއްޔެ ބުންޏެވެ.

ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ އިއްޔެ ހިއްސާކުރެވުނު އަދަދުތަކުގައި މައްސަލަތަކެއް އުޅޭ ކަމަށާއި އެ ރަށުން މިހާތަނަށް ޕޮޒިޓިވްވީ ޖުމުލަ 57 މީހުން ކަމަށެވެ.

ކުޑަކުރަތުން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު 90 ވަރަކަށް ސާމްޕަލް ނެގުނު ކަމަށާއި އޭގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ހަތަރު މީހަކު، އިއްޔެ 52 މީހަކު އަދި މިއަދު އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން އެކަކަށް ފަރުވާދިނުމަށް ބ. އަތޮޅު ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.