ކިތަންމެ ވަރަކަށް ދައުވާ އުފުލިޔަސް ބިރެއް ނުގަންނާނެ ކަމަށާއި އަދި އިދިކޮޅުގެ އަޑު ކަނޑުވައެއް ވެސް ނުލެވޭނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ އޭނާ ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައެއްގައި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.

އަދުރޭ "ވަން" އަށް ވިދާޅުވީ އޭނާގެ މައްޗަށް މި ސަރުކާރުން ދައުވާ ކޮށްފައި މިވަނީ އިދިކޮޅުގެ އަޑު ކަނޑުވައިލަން ކަމަށާއި އިދިކޮޅުގެ އަޑު ކަނޑުވައިނުލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ އެންމެ އިސް ފަރާތަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން ކަމަށާއި ނަމަވެސް އެމަނިކުފާނު ޖަލުގައި ހުންނެވުމުން އިދިކޮޅު ކޯލިޝަން ހިންގެވުމުގައި އިސްކޮށް ހުންނެވީ އަދުރޭ ކަމަށެވެ. އެހެންކަމުން މި މައްސަލައަކީ އިދިކޮޅުގެ އަޑު ކަނޑުވާލަން ސަރުކާރުން ހިންގާ އަމަލެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ސަރުކާރުން ކިތަންމެ ވަރަކަށް ދައުވާ އުފުލައި ޝަރީއަތް ހިންގި ނަމަވެސް ބިރު ނުގަންނާނެ ކަމަށެވެ. ސަރުކާރާ ދެކޮޅަށް ހައްގު ބަސް ބުނުމުގައި އަބަދުވެސް ދެމިހުންނާނެ ކަމަށާއި އެކަމަށް ފަސް ނުޖެހޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ސަރުކާރުން ކިތަންމެ ވަރަކަށް ދައުވާ އުފުލިޔަސް ބިރެއް ނުގަންނާނެ. ސަރުކާރާއި ދެކޮޅަށް ބުނަންޖެހޭ އެއްޗެއް ފަސްނުޖެހި ބުނާނަން. އިދިކޮޅު އަޑު ކަނޑުވައެއް ނުލެވޭނެ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލައަށް އެތައް ދުވަހެއް ވެގެންދިޔަ އިރުވެސް އެމައްސަލައިގައި ދައުވާ އުފުލާފައިނުވާ ކަމަށެވެ. އަދި ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައިވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށް ދައުވާ ކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލަތަކަކީ މާ ގިނަ ދުވަސްވީ މައްސަލަތަކެއް ނަމަވެސް އެމައްސަލަތަކުގައި ދައުވާ ނުކޮށް އޭނާގެ މައްޗަށް ދައުވާ ކޮށްފައިވުމުން ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ވަރަށް ރަނގަޅަށް ސާފުވެގެންދާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، ރައީސް ޔާމީނަށް ހުކުމް އިއްވި ދުވަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވަނީ ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރަށް ނިސްބަތް ކުރައްވާ ބޭއަދަބީ ބަސްތަކެއް ބޭނުންކުރައްވައި އެފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވެސް އަދުރޭ ވަނީ ބޭއަދަބީ ބަހެއް ބޭނުންކުރައްވައިފައެވެ.