ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްފަހު އެ ސަރަަހައްދުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެ މައްސަލަ މަޖިލީހަށް ވެއްދީ 11 މެމްބަރެއްގެ ސޮޔާއެކުގައި ކަމަށެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް 10 މެންބަރުންގެ ސޮއި ބޭނުންވެއެވެ.

ނަމަވެސް ޕީޕީއެމް ޕީއެންސީ ކޯލީޝަންގައި ތިއްބެވީ، މަޖިލީހުގެ 9 މެންބަރުން ކަމަށާއި، އެ ކޯލީޝަންގައި ނުހިމެނޭ ދެ މެންބަރެއް އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއިކުރައްވާފައިވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

އެ ދެ މެންބަރުންނަކީ އަމިއްލަ ދެ މެންބަރުން ކަމަށްވާ، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

ޝިޔާމު ވިދާޅުވީ، އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ، ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި 32 ވަނަ މާއްދާއާ ހިލާފްވެވަޑައިގެންފައިވާތީ ކަމަށެވެ.

އެގޮތުން ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި އިމްރާން ދޮގު ހައްދަވާފައިވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު މަޖިލީހުގައި އިމްރާން ވިދާޅުވީ، މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ހެކި ހުރި ލިޔެކިޔުންތައް މޭޑޭގެ މުޒާހަރާ ގެ ތެރެއިން އޭނާ ހައްޔަރު ކުރިއިރު، އޭރު އޮތް ރައީށް ޔާމީންގެ ސަރުކާރުން އެ ލިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ.

ޝިޔާމު ވިދާޅުވީ މަޖިލީހުގެ އެހެން ވިދާޅުވުމަށްފަހު، އޭގެ އެއްދުވަސް ފަހުން ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި އިމްރާން ވާހަ ދެއްކެވިއިރު އަމިއްލަ އިއުތިރާފުން މަޖިލީހުގައި ދޮގު ހެއްދެވިކަަމަށް އިއުތިރާފްވެވަޑައިގެންފައިވާ ކަމަށެވެ.

މީގެ އިތުން ސަފާރީ ރޭޕް ކޭސްކަމަށް ބުނާ މައްސަލައިގައި، އެއީ މާ ބޮޑު މައްސަލައަކަށް ނަހައްދަވައި އިމްރާން ވާހަކަ ދައްކަވާފައިވާ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

އެގޮތުން އެ ހާދިސާއަކީ ނުހިނގާ ކަމެއްގެ ގޮތުގައި، އެ މޭރުންމުން އިމްރާން ވާހަކަ ދެއްކަވާފައިވާ ކަމަށާއި، ޖިންސީ ގޯނާއަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައިވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ އެއީ ދައުލަތު ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ދެއްކި ވަރަށް ނާތަހުޒީބު ވަހަކައެއްކަމަށެވެ.

ރިލްވާންގެ މައްސަލަ އާއި ފސަފާރީގައި ހިނގައި ދިޔަ ޖިންސީ މައްސަލައަކީ މިހާރުވެސް ތަހުގީގު ކުރަމުންދާ މައްސަލަ ތަކަކަށްވާއިރު، އިމްރާން ދެއްކެވި ވާހަކަތަކުގެ ސަބަބުން އެ މައްސަލަތަކުގެ ތަހުގީގަށް ހުރަސް އެޅޭނެ ކަމަށްވެސް ޝީޔާމު ވިދާޅުވިއެވެ.