ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގި ވެށިފަހި ޕްރޮގްރާމްގެ ދަށުން ލިބިފައިވާ ކުޑަ ތަންކޮޅު ދޫކޮށްލި ފަރާތްތަކަށް ހުޅުމާލޭން ގޯތި ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ދަށުން ގޯތި ނުދެވިވާ ހަތަރު ފަރާތަކަށް ގޯތި ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލައާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު މުއިއްޒު ސުވާލު ކުރެއްވީ، މީގެ އަށްއަހަރު ކުރިން އެމްޑީޕިގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ވެށިފަހި މާލެ ޕްރޮގްރާމްގެދަށުން މާލޭގެ ކުޑަ ބިންކޮޅު ދޫކޮށްލި ފަރާތްތަކަށް ހުޅުމާލޭން ގޯތި ދިނުމަށް ހިންގި، 250 ގޯތީގެ ޕްރޮގްރާމްގެ ދަށުން، ގޯތި ދީފައިވަނީ، 245 ފަރާތަކަށް ކަމަށާއި، އަނެއް ފަސް ފަރާތަށް ގޯތި ދޭނީ ކޮން އިރަކުންތޯއެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އޭރުގެ ރިޒާވް ލިސްޓުން ތިން ފަރާތަކަށް ގޯތި ލިބެންޖެހޭކަމަށް ހާފަކުރެވިފައިވާ ކަމަށެވެ. އަދި ލިއުމަކާއެކީ އެފަދަ ފަރާތްތަކުން ހުށަހެޅުމަށް ދެފަހަރެއްގެ މަތިން ފަސްކޮށް ހުޅުވާލި ފުރުސަތުގައި 13 ފަރާތެއް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން ފާހަގ ކުރެވޭ މީހަކާއެކު ޖުމްލަ ހަތަރު މީހުންނަށް ގޯތި ދޭންޖެހޭކަން ފާހަގަ ވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އެ ހަތަރު މީހުންނަށް ގޯތި ދިނުމުގެ ކަންތައް ކުރިއަށްދާ ކަމަށާއި، އެކަމާބެހޭ ގޮތުން ގާނޫނީ ލަފައަކަށް އެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ގާނޫނީ ލަފާ ހޯދުމަށްފަހު އެ ފަރާތްތަކަށް ގޯތި ދިނުމުގެ ކަންތައް ކުރިއަށްދާ ކަމަށެވެ.
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް