ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ސަސްޕެންޑް ކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، ޝުކޫރާ ގުޅޭ ގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކުގެ ބާވަތަށާއި، އެ މައްސަލަތަކާ ގުޅިގެން ލިބިފައިވާ ހެއްކަށް ރިއާޔަތްކޮށް، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) އާ ހަވާލާދީ އިސް މެޖިސްޓްރޭޓް ޝުކޫރު ވަގުތީ ގޮތުން 60 ދުވަހަށް މެޖިސްޓްރޭޓްކަމުގެ މަސައްކަތުން ދުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުން ކަމަށްވެސް ޖޭއެސްސީން ބުނެފައި ވެއެވެ.

އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކުރިއިރު، އޭނާ މެޖިސްޓްރޭޓްކަމުގެ މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ނިންމައި އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަލައިފައެވެ.

ޖޭއެސްސީން ބުނީ މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު މަގާމުން ވަކިކުރަން ނިންމީ، ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައި ވާތީ ކަމަށެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޝުކޫރު އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުރެގެން އޭނާއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާ މެދު ގޮތެއް ނިންމުގެ މައްސަލަ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަސްވަރު އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއްގެ ގޮތުގައި ހުރެ، ހައްޔަރު ކުރި ފަރާތުގެ ގާނޫނީ ވަކީލާއި ވިލިނގިލީ ރެސްޓޯރެންޓެއްގައި ބައްދަލުކޮށް ވަކީލުދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވިލިނގިލީ ގެއެއްގައި، ކުރީގެ ފަނޑިޔާރުން ތަކަކާއެކު، ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ޝުކޫރު ބައިވެރިވެފައިވާ މައްސަލަ އާއި އޭގެ ފަހުން ވިިލިނގިލީ ކެފޭއެއްގެ ތެރޭގައި ވާހަކަދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ހަމަ އެ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެކުރިން ޝަރީއަތުގެ މަޖިލީހުން ބޭރުން އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތެއް ފުލުހުންނާ ހިއްސާކޮށް، އެކަމަށްޓަކައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރި ކަމުގެ ހަމަތަކުން ބޭރުން އަމަލު ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސސީން ބުނެފައިވެއެވެ.

އެހެންކަމުން ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާތީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އިސް މެޖިސްޓްރޭޓް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމީ ކަމަށްވެސް ބުނެފައިވެއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު އަށް މައްސަލައެއް ބަލަމުން އަންނަ ކަމަށް ވެސް ޖޭއެސްސީން ބުނެފައި ވެއެވެ.