ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރ. ކުޑަކުރަތުން 63 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މިދިޔަ 24 ގަޑިއިރު ތެރޭ ފެނުނު 84 ކޭސްގެ ތެރެއިން 52 ކޭސްއަކީ ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރ. ކުޑަކުރަތުގައި ޕޮޒިޓިވްވި މީހުން ކަމަށެވެ.

ކުޑަކުރަތުން މިއަދު ފެނުނު 52 ކޭސްއާއެކު އެ ރަށުން ޕޮޒިޓިވްވި ޖުމުލަ އަދަދު ވަނީ 63 އަށް އަރައިފައެވެ. ކުޑަކުރަތުން ބަލީގެ އަލާމާތްތައް ހުރި މީހުން ފެނިގެން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެ ރަށުން 89 ސާމްޕަލް ނަގާފައިވާ ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.

އެޗްއީއޯސީން ބުނީ ސާމްޕަލް ނެގި މީހުންގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ހަތަރު މީހަކު އަދި އިއްޔެ ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވި ޖުމުލަ އަދަދު 63 އަށް އަރާފައިވަނީ މިއަދު އެ ރަށުން ފެނުނު 52 ކޭސްއާއެކުއެވެ.

ކުޑަކުރަތުން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު މިވަގުތު ހުރީ ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.