ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 52 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 52 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 10،524 އަށް އަރާފައިވާ ކަމަށެވެ.
އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 84 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 26 ދިވެއްސަކާއި 58 ބިދޭސީންނެވެ. ކޭސްތަކުގެ އަދަދު 80 އިން މައްޗަށް ގޮސްފައިމިވަނީ ފާއިތުވެދިޔަ ދެ ހަފުތާގައި އަދަދުތައް ދަށަށް ދިއުމަށްފަހުއެވެ.
މިއަދުގެ 84 ކޭސްގެ ތެރެއިން މާލެ ސަރަހައްދުން ފެނިފައިވަނީ 30 ކޭސްއެވެ. އަދި 54 ކޭސްއެއް ފެނިފައިވަނީ އެހެން ރަށްރަށުންނާއި ރިސޯޓުތަކުންނެވެ. އެ 54 ކޭސްގެ ތެރެއިން 52 ކޭސް ފެނިފައިވަނީ ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރ. ކުޑަކުރަތުންނެވެ. އެއާއެކު އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 63 އަށް އަރައިފައެވެ.
މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 11،505 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 307 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 37 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 37 މީހަކު ވަނީ މަރުވެފައެވެ. އެއީ 31 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު