މިދިޔަ 24 ގަޑިއިރު ތެރޭ 84 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 11،505 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 26 ދިވެއްސަކާއި 58 ބިދޭސީން ކަމަށެވެ. ކޭސްތަކުގެ އަދަދު 80 އިން މައްޗަށް ގޮސްފައިމިވަނީ ފާއިތުވެދިޔަ ދެ ހަފުތާގައި އަދަދުތައް ދަށަށް ދިއުމަށްފަހުއެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ ފެނުނު 84 ކޭސްގެ ތެރެއިން މާލެ ސަރަހައްދުން ފެނިފައިވަނީ 30 ކޭސްއެވެ. އަދި 54 ކޭސްއެއް ފެނިފައިވަނީ އެހެން ރަށްރަށުންނާއި ރިސޯޓުތަކުންނެވެ. އެ 54 ކޭސްގެ ތެރެއިން 52 ކޭސް ފެނިފައިވަނީ ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރ. ކުޑަކުރަތުންނެވެ. އެއާއެކު އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 63 އަށް އަރައިފައެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 52 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 10،524 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 937 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 307 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 37 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 37 މީހަކު ވަނީ މަރުވެފައެވެ. އެއީ 31 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު