ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރަން، ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ފޮނުވި ނަންތަކާ މެދު ކަން ހިނގާފައިވާ ގޮތް އަދި ތަފްސީލް ކޮށްދީފައި ނުވާކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ކޯލީޝަން ޕާޓީތަކުގެ މެދުގައި ސަރުކާރުގެ ގޮނޑިތައް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން، ހެލްތު މިނިސްޓަރުގެ ސްލޮޓަކީ ޖޭޕީގެ ސްލޮޓެކެވެ. އެހެންކަމުން މިހާތަނަށް އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ފަރާތުން އަބުދުﷲ އަމީން އެވެ.

ނަމަވެސް ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން އެ މަގާމުން އަމީން އިސްތިއުފާ ދެއްވުމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމަގާމަށް އައްޔަން ކުރައްވާފައިވަނީ އެމަނިކުފާނުގެ ޕާޓީގެ ބޭފުޅެއް ކަމަށްވާ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމން ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަދި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުޗީ ހެލްތު މިނިސްޓަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް އެ ޕާޓިން ނަންތަކެއް ފޮނުވި ކަމަށެވެ. ނަމަވެސް އެކަމުގައި ކަން ހިނގާފައިވާ ގޮތް އަދި އެޕާޓީއަށް ސާފުކޮށްދީފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ، ހެލްތު މިނިސްޓްރީ ހިންގެވުމަށް ގާބިލު ބޭފުޅަކު އައްޔަން ކުރެއްވުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް އޮންނަ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އާ ހެލްތު މނިސްޓަރު ނަސީމަށް މަރުހަބާ ވިދާޅުވާ ކަމަށްވެސް ވިދާޅުވިއެވެ.

އަމީނަށް ކުރެވޭ ތުހުމަތުތަކާ ބެހޭ ގޮތުން އަލީ ސޯލިހު ވިދާޅުވީ، އަމީނަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވީ، ކުރެއްވުނު ކަމަކުން ކަމަށެވެ. އަދި އެކަމުގައި އިހުމާލެއް ނެތްނަމަ އެފަދަ ބޮޑެތި ތުހުމަތުތަކެއް ނުކުރީސް ކަމަށްވެސް ވިދާޅުވިއެވެ.

އަމީނާ ބެހޭ ގޮތުން ފެންމަތިވީ ބޮޑެތި ތުހުމަތުތަކެއް ކަމަށާއި، އެކަމާ ގުޅިގެން އެ މަގާމަށް ގާބިލޫ ނޫން ވީމަ އިސްތިއުފާ ދެއްވުމަށް ޕާޓީގެ ލީޑަރު ވިދާޅުވި ނަމަވެސް އެކަން ނުވެ އޮތީ ކަމަަށްވެސް ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ، މިހާރުވެސް ޖުމްހޫރީ ޕާޓީ ކުރިއަށް ދަނީ ކޯލީޝަންގެ ތެރެއިން ކަމަށާއި ކޯލީޝަންގެ ތެރޭގައި މައްސަލަ ނުޖެހޭ ކަމަށެވެ. އަދި މި ފަހަރު ދައުރު ނިމެންދެން ކޯލީޝަން އެގޮތުގައި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ވެރކަމުގެ ނިޒާމުގައި ތިބީ ސިޔާސީ މީހުން ކަމަށާއި، ކޮންމެ ބަޔަކަށްވެސް ލިބިފައި އޮންނަ މިނިވަންކަމުގެ ތެރެއިން ފާޑު ކިޔަމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ޖުމްހޫރީ ޕާޓީން ވެސް ބަސް ބުނަން ޖެހޭ ވަގުތު ބަސް ބުނާނެ ކަމަށްވެސް ވިދާޅުވިއެވެ.