އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލްގެ އެންމެ މުހިއްމު ޑިފެންޑަރު ވާޖިލް ވެންޑައިކްގެ ކަކުލުގެ ލިގަމެންޓަށް އަނިޔާ ވެ، ސީޒަން އެއްކޮށް ގެއްލޭނެ ކަމަށް ބެލެވިފައިވާއިރު، އޭނާ ނެތި ސީޒަން އެއްކޮށް ކުޅެން ޖެހުމަކީ ލިވަޕޫލަށް އުނދަގޫވާނެ ކަމެކެވެ. މިދިޔަ ދެ ސީޒަންގައި ލިވަޕޫލް ކުޅުނު ހުރިހާ މެޗެއް ފުލްކޮށް ކުޅުނު ވެންޑައިކް އެނބުރި ދަނޑު މައްޗަށް އަންނާނެ ދުވަހެއް ޔަގީން ކަމާއެކު ބުނާކަށް ނޭނގެއެވެ. ރޭގެ މެޗަށް ލިވަޕޫލުން ނުކުތީ ވެންޑައިކްގެ އިތުރުން އަލަށް މި ސީޒަނަށް ޓީމާ ގުޅުނު ތިއާގޯ އަލްކަންޓްރާވެސް ނުލައެވެ. އަލްކަންޓްރާ އަށްވެސް އަނިޔާވީ ވެންޑައިކަށް އަނިޔާވި މާސީ ސައިޑް ޑާބީ ގައެވެ.

ރޭގެ މެޗަށް ނުކުތްއިރު ލިވަޕޫލަށް ލިބުނު ހިތްހަމަ ޖެހުމަކީ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ފިޓްވުމެވެ. ރޭގެ މެޗުގައި އޭނާގެ ފަރާތުން މުހިއްމު ސޭވްތަކެއް ފެނިފައި ވެއެވެ.

ރޭގެ މެޗު ފެށިގެން 13 ވަނަ މިނިޓްގައި ޝެފީލްޑް އިން ވަނީ ސެންޑާ ބާގާ ޕެނަލްޓީން ލީޑު ނަގައިފައެވެ. ޕެނެލްޓީއަކީ ލިވަޕޫލްގެ ފަބީނިއޯ ޝެފީލްޑްގެ އޮލީ މެކްބާނީއަށް ފައުލުކުރިކުރުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ފައުލް ކުރީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށެވެ. ފައުލަށް ފުރަތަމަ ދިނީވެސް އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ހިލޭ ޖެހުމެކެވެ. އެކަމަކު ފަހުން ވީއޭއާރް އިން ބެލުމަށް ފަހު ޕެނަލްޓީ އަކަށް ބަދަލުކުރިއެވެ.

އެ ގޯލާއެކު ޝެފީލްޑުން ލީޑުގައި ކުޅެމުންދިޔަ ނަމަވެސް ހާފް ނިމުމުގެ ކުރިން ރޮބާޓް ފިރްމީނޯގެ ގޯލުން ލިވަޕޫލް ނަތީޖާ ހަމަހަމަ ކުރިއެވެ. ސަޑިއޯ މާނޭ ޖެހި ބޯޅަ ކީޕަރު ޕަންޗުކޮށްލުމުން ރީބައުންސް ގޯލަށް ވައްދާލައި ފިރްމީނޯ ގޯލް ޖެހިއިރު، ލިވަޕޫލް މޮޅުކޮށްދިން ގޯލަކީ ދެވަނަ ހާފްގައި ކުޅެން ނުކުތް ޑިއޭގޯ ޖޮޓާ ޖެހި ގޯލެކެވެ.

މާނޭގެ ހުރަހުން ޖޮޓާ ބޮލުން ޖެހި ގޯލާއެކު ލިވަޕޫލުން ވަނީ ތިން ޕޮއިންޓް ޔަގީންކޮށް، ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ލީގުގެ އެއް ވަނައިގައި އެވަޓަން ވެސް އޮތީ ލިވަޕޫލާ އެއް ވަރަށް ޕޮއިންޓް ހޯދައިގެންނެވެ. އެއީ 13 ޕޮއިންޓެވެ. އެވަޓަން އެއް މެޗު މަދުން ކުޅެފައިވާއިރު މިރޭ ރަށުން ބޭރުގައި ސައުތެމްޓަން އަތުން މޮޅުވެއްޖެނަމަ އެއް ވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ.