ހުޅުމާލޭގައި ހުންނަ ފިޔަވަތިން އިތުރު ދެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ، ޖުމުލަ 38 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފިޔަވަތިން ޕޮޒިޓިވްވި ޖުމުލަ އަދަދު މިހާރު 38 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 18 ކުޑަކުދިންނާއި 20 މުވައްޒަފުން ކަމަށެވެ.

"އިއްޔެގައި އިތުރު ދެ މީހަކު މިވަނީ އެތަނުން ޕޮޒިޓިވްވެފައި. އެއީ މިހާރު ވެސް ކޮންޓެކްޓުންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގި ދެ މީހުން،" އޭނާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު ފިޔަވަތީގައި 80 ކޮންޓެކްޓުން އެބަތިބި ކަމަށާއި އޭގެ އިތުރުން މިއަދު ރިލީސް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ މީހުން ވެސް ތިބި ކަމަށެވެ.

ފިޔަވަތިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެތަނުގައި ކުޑަކުދިން ބެލެހެއްޓުމުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އެއީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތަކެއް ހުރުމާ ގުޅިގެން ސާމްޕަލް ނަގައި ޓެސްޓު ކުރުމުންނެވެ.

ފިޔަވަތިން އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެންނަން ފެށީ ފުރަތަމަ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ. އަދި އެތަނުން ޕޮޒިޓިވްވި ކުދިންނާއި މުވައްޒަފުން މިހާރު ވަނީ ފެސިލިޓީތަކަށް ގެންގޮސްފައެވެ.

ޑރ. ނަޒްލާ މީގެ ކުރިން ވިދާޅުވި ގޮތުގައި، ފިޔަވަތީގައި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

ފިޔަވަތީގެ އިތުރުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ވެސް ދެ ކުއްޖަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް އެ ދެ ކުދިންނަށް ކޮވިޑް ޖެހުނު ގޮތެއް އަދި ހޯދިފައިނުވާ އިރު، އޭގެ ފަހުން އިތުރު ޕޮޒިޓިވް ކޭސްއެއް އެތަނުން ފެނިފައެއް ނުވެއެވެ.