އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލްތައް ހޮވުމަށް އޭޝިއަން ކަޕުން ކުރިއަށް ގެންދާ ބްރެކެޓް ޗެލެންޖަކީ އޮންލައިން ޕޮޕިއުލާރިޓީ ވޯޓެކެވެ. ދުނިޔޭގެ އެންމެ ބޮޑު ކޮންޓިނެންޓް ކަމަށްވާ އޭޝިއާގައި ޕޮޕިއުލާރިޓީ ވޯޓަކުން މޮޅުވުމަކީ އުނދަގޫ ކަމެއް ނަމަވެސް، އަލީ އަޝްފާގު (ދަގަނޑޭ)ގެ ހުނަރާއެކު އެ ޝަރަފު ރާއްޖެއަށްވެސް ލިބުނެވެ. އޭއެފްސީން މީގެ ކުރިން ހޮވި އެންމެ މޮޅު ގޯލަކަށް ދަގަނޑޭގެ ސޯލޯ މޮޅު ގޯލެއް ހޮވިފައި ވެއެވެ. އެއީ ހަތަރު ލައްކައެއްހާ މީހުން ދިރިއުޅޭ މި ކުޑަކުޑަ ރާއްޖެއަށް ބޮޑު ޝަރަފެކެވެ.

ބްރެކެޓް ޗެލެންޖުގައި އަނެއްކާވެސް ދަގަނޑޭގެ ގޯލް ވަނީ ނޮމިނޭޓް ވެފައެވެ. ނިއު ރޭޑިއަންޓް ޖާޒީގައި ދަގަނޑޭ، 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރްސިބޯ ކޮޅަށް ޖެހި ގޯލަކީ އޭއެފްސީގެ ތާރީހުގައިވެސް ޖަހާފައިވާ އެންމެ ހުނަރިވެރި އެއް ގޯލެވެ. ނިއުއިން އެ މެޗު 7-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، އެ ގޯލަށް މުޅި އޭޝިއާގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގެ އެތައް ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.

ދަގަނޑޭގެ އެ ގޯލް ވާދަކުރަނީ ކުވައިތު އެފްސީގެ ބްރެޒިލް ފޯވަޑް ރޮގާރީނިއޯގެ ގޯލާއެވެ. 2013 ވަނަ އަހަރު އޭނާ ގަދުސިއާ އެފްސީ ކޮޅަށް ދުރުން ޖެހި ހިތްގައިމު ގޯލާ ދަގަނޑޭގެ ގޯލް ވާދަކުރާއިރު، ރޯގާރީނިއޯއަކީ އޭއެފްސީ ކަޕްގެ އިންޑިވިޖުއަލް އެވޯޑުތައްވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ.

ދަގަނޑޭއަކީ ދިވެހި ރާއްޖޭގެ ފަހުރެވެ. ފުޓުބޯޅައިގައި ދުނިޔޭގެ އެންމެ މަތީ ފަންތީގައި ދަގަނޑޭގެ ނަން އަބަދުވެސް ވިދާލައެވެ. ޔޫރަޕްގައި ނުކުޅުނު ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ފަދަ ކުޅުންތެރިންގެ ތަފާސް ހިސާބުތަކާ ދަގަނޑޭގެ ތަފާސް ހިސާބުތަކާ ގާތް ކުރެއެވެ.

ދާދިފަހުން ނެރުނު ކެރިއަރުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ ހަވަނައިގައި އޮތީވެސް ދަގަނޑޭއެވެ. އެއީ ކެރިއަރުގައި 464 ގޯލް ޖަހައިގެންނެވެ. 2001 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދަގަނޑޭ އެ އަދަދަށް ގޯލް ޖަހާފައި ވަނީ ޖުމްލަ 544 މެޗު ކުޅެގެންނެވެ.

މިވަގުތު ކުޅެމުން އަންނަ އެކްޓިވް ކުޅުންތެރިންގެ މައްޗަށް ބިނާކޮށްފައި ލިސްޓްގެ އެއްވަނައިގައި ރޮނާލްޑޯ އޮތީ 1055 މެޗުން 742 ގޯލް ޖަހައިގެންނެވެ. ދެވަނައިގައި އޮތީ މެސީއެވެ. 930 މެޗުން މެސީ ވަނީ 706 ގޯލް ޖަހާފައެވެ. އޭގެ ދަށުން ވާދަކުރާ ޒްލަޓާން އިބްރަހިމޮވިޗްގެ ކެރިއަރުގައި 559 ގޯލް ޖަހާފައިވާއިރު، ހަތަރު ވަނަ ލިބެނީ ރޮބާޓް ލެވަންޑޯސްކީއަށެވެ. އޭނާ ވަނީ 506 ގޯލް ކެރިއަރުގައި ޖަހާފައެވެ. ދަގަނޑޭގެ ކުރިން ފަސްވަނައިގައި އޮތީ އުރުގުއޭގެ ފޯވަޑް ލުއިޒް ޝުއަރޭޒްއެވެ. އޭނާ ވަނީ 488 ގޯލް ކެރިއަރުގައި ޖަހާފައެވެ.

ލިސްޓުން އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ކަމަކީ ގޯލްސް ޕާ ގޭމް (މެޗުގެ ނިސްބަތުން ޖެހި ގޯލް)ގެ އެންމެ ކުރީގައި އޮތީ ދަގަނޑޭ ކަމެވެ. ދަގަނޑޭގެ ގޯލް ޕާ ގޭމް ރޭޝިއޯއަކީ 0.85 އެކެވެ. އެންމެ ގާތުން ވާދަކުރާ މެސީގެ ރޭޝިއޯއަކީ 0.79 އެކެވެ. ލިސްޓްގެ އެއްވަނައިގައި އޮތް ރޮނާލްޑޯގެ ގޯލް ޕާ ގޭމް ރޭޝިއޯއަކީ 0.72 އެކެވެ. ދަގަނޑޭގެ ރޭޝިއޯއަކީ ދުނިޔެ ދުށް އެންމެ ވަރުގަދަ ފުޓުބޯޅަ ޝަހުސިއްޔަތު ޕެލޭގެ ތަފާސް ހިސާބުތަކާވެސް ގާތް ކުރާ އަދަދެކެވެ. 831 މެޗުން 767 ގޯލް ޖަހާފައިވާ ޕެލޭގެ ގޯލް ޕާ ގޭމް ރޭޝިއޯއަކީ 0.92 އެކެވެ.

ގައުމީ ޖާޒީގައިވެސް ދަގަނޑޭއަކީ ދުނިޔޭގެ ފެންވަރު ލެޖެންޑެކެވެ. މިހާރު ކުޅޭ އެކްޓިވް ކުޅުންތެރިންގެ ތެރެއިން 'ގޯލްސް ޕާ ގޭމް' ރޭޝިއޯ ނުވަތަ، ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެ ވަނައިގައި އޮތީ ރާއްޖޭގެ ދަގަނޑޭއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ދަގަނޑޭ ލިސްޓުގެ ދެ ވަނައިގައި އޮތީ 80 މެޗުން 53 ގޯލް ޖަހައި މެޗަކަށް 0.66 ގޯލުގެ ނިސްބަތުންނެވެ. އުމުރުން 35 އަހަރުގެ ދަގަނޑޭ 2018 ވަނަ އަހަރު ލިސްޓްގެ އެއްވަނައިގައި އޮތް ނަމަވެސް، އޭގެ ފަހުން ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބުނީ މިއަހަރުއެވެ. ގިނަ ދުވަސްތަކަކު ނުކުޅެ ހުރުމުންވެސް ދަގަނޑޭއަށް އޭނާގެ މަގާމު ދެވަނައިގައި ހިފަހައްޓައިލެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ދަގަނޑޭއަށް ގައުމީ ޓީމުގައި އެންމެ ކާމިޔާބު އަހަރަކީ 2013 ވަނަ އަހަރެވެ. އެ އަހަރު ހަތް މެޗުން އޭނާ ވަނީ 14 ގޯލް ޖަހައިފައެވެ. އެއީ މެޗަކަށް 2.0 ގޯލްގެ ނިސްބަތެކެވެ.

މި ލިސްޓުގެ އެއްވަނައިގައި އޮތީ 83 މެޗުން 63 ގޯލް ޖަހައި މެޗަކަށް 0.76 ގޯލުގެ ނިސްބަތުން ޔޫއޭއީގެ އަލީ މަބްޚޫތެވެ.

މިހާތަނަށް ކުޅުނު 165 މެޗުން 101 ގޯލު ގައުމީ ޓީމަށް ޖަހައިގެން މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހާފައި ވަނީ ރޮނާލްޑޯއެވެ. އޭނާ ގައުމީ ޓީމަށް ގޯލް ޖަހާފައި ވަނީ މެޗަކަށް 0.61 ގޯލުގެ ނިސްބަތުންނެވެ.

ވޯޓު ދިނުމަށް އޭއެފްސީ ސައިޓްގެ ލިންކް ބޭނުންކުރައްވާ: https://www.the-afc.com/competitions/afc-cup/latest/news/bracket-challenge-ro32-ali-ashfaq-new-radiant-v-rogerinho-kuwait-sc