މިނިސްޓްރީ އޮފް ހޯމްއެފެއާޒް

ހަނގުރާމާގައި ބައިވެރިވުމަށްފަހު އަންނަ މީހުން ބޭތިއްބުމަށް ސެންޓަރެއް ގާއިމްކޮށް، އެތަނުގައި މީހަކު ބަންދުކޮށްފި

އިބްރާހިމް ޒަކީ

ރާއްޖޭން ބޭރު ގައުމުތަކުގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފަހު، އެނބުރި ރާއްޖެ އަންނަ މީހުންނާއި، އެފަދަ ތަންތަނުން ރާއްޖެ ގެނެވޭ މީހުން ބައިތިއްބާނެ ހާއްސަ ސެންޓަރެއް ގާއިމްކޮށް، އެތަނުގައި މީހަކު ބަންދު ކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދަށުން އެސެންޓަރު ގާއިމް ކޮށްފައިވަނީ ކ. ހިންމަފުށީގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ހަނގުރާމަވެރި ސަރަހައްދެއް ކަމަށް ކަނޑައަޅުއްވައި އިއުލާންކުރައްވާފައިވާ ސަރަހައްދެއްގައި އުޅުމަށްފަހު، މިމަހުގެ 15 ވަނަ ދުވަހު ރާއްޖެ އައި ކަމަށް ތުހުމަތު ކުރެވުނު މީހާ ހުރީ އެތުގައި ބަންދު ކޮށްފައެވެ.

އެއީ އެތަނުގައި ބަންދު ކުރި ފުރަތަމަ މީހާ ކަމަށް ހޯމްމިނިސްޓްރީން ބުންޏެވެ.

އުމުރުން 34 އަހަރުގެ އެ ދިވެހި ފިރިހެން މީހާގެ ރިސްކް އެސެސްމެންޓް ހެދުމަށްޓަކައި 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ގާއިމު ކުރަން ޖެހޭ މަރުކަޒުތައް ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ގާއިމުކޮށް، އެންޓި ޓޯޗަރ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކުރާ ތަނެއްގެ ގޮތުގައި އެތަން ކަނޑައަޅައި އެކަން އިއުލާން ކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.

މިއީ ރާއްޖެއިން ބޭރުގައި ހިނގަމުންދާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށާއި، އެފަދަ މީހުން ޝަރީއަތުގެ ކުރިމަށްޗަށް ގެނެސް ގާނޫނުގައި އެފަދަ ކަންކަމަށް ކަނޑައެޅިފައިވާ އަދަބު ދިނުމަށްޓަކައި ކުރެވޭ މަސައްކަތަށާއި، ޓެރަރިޒަމްގެ ބިރުވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ މުއައްސަސާތަކާއި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.