ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން އެންމެ ފާހަގަކުރެވޭ އެއްކަމަކީ ގިނަ ބިދޭސީން "ފްރީ ވިސާ"ގައި ރާއްޖެ އައިސް މަސައްކަތްކުރުން ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޝްރަފް މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަޝްރަފު ރޭ ވިދާޅުވީ ޒިންމާވާނެ ފަރާތެއްނެތި "ފްރީ ވިސާ"ގައި ރާއްޖޭގައި ގިނަ ބިދޭސީންތަކެއް މަސައްކަތްކުރަމުންގެންދާ ކަމަށެވެ.
"މައުލޫމާތު ނަގާއިރު ނަމާއި ގައުމު އޮޅުން ފިލުވާ އިރު، ވަރަށް ގިނަ ފަރާތްތަކުގެ ޖަވާބެއް އެއީ ފްރީ ވިސާގައި ކަމަށް. ފްރީ ވިސާއޭ ނުވަތަ އޯޕަންވިސާއޭ. ވަރަށް ބޮޑު ގްރޫޕެއް އެބައުޅޭ ޒިންމާވާނެ ފަރާތެއްނެތި. ރާއްޖޭގެ ގާނޫނާއި ގަވައިދުގައި ދެނެގަންނަ ޓާމެއް ނޫން މިއީކީ. ރާއްޖޭގައި އިންނަ ގޮތުން ކޮންމެވެސް ކަހަލަ ކުންފުންޏެއް ނުވަތަ ކޯޓާއެއް ރިކުއެސްޓްކޮށްގެން މީގެތެރެއިން މި އަންނަނީ. ނަމަވެސް މީގެ ތެރެއިން ވަރަށް ބޮޑު އަދަދެއް އެބަހުރި މީގެ ތެރެއިން ވޯކްކުރާ. މާނައަކީ ކޮންމެވެސް ހިސާބަކުން އެބައުޅެއޭ މީގައި މައްސަލަތަކެއް. އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ބިދޭސީއަކު ޒިންމާވާނެ ފަރާތެއް އެބަ ހުންނަން ޖެހޭ،" އަޝްރަފް ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް ބައެއް ބިދޭސީ މީހުން ރާއްޖޭގައި އަހަރު ދުވަހު މަސައްކަތްކުރާ އިރު، ގުޅޭނެ ގޮތެއް ނުވަތަ އޭގެން މީހަކަށް ކަމެއް ދިމާވެގެން އެކަމެއް ހިނގި ހިސާބު ކިޔައިދޭން ނޭނގޭ ބިދޭސީންވެސް ރާއްޖޭގައި މަދު ނޫން ކަމަށް އަޝްފަރް ވިދާޅުވިއެވެ.
"ގިނަ ބިދޭސީންނަށް އެމީހުން ނިދާތަނުގެ ނަންވެސް ނޭނގޭކަން. ގިނަ ފަހަރަށް މި ބުނަނީ އެވެނިތަނެއް ކައިރީ އިންނަ މިވެނިތަނެއްގައި. ނަމެއް ނުވަތަަ ލޮކޭޝަން ބުނެލަދޭކަށް ނޭނގޭ. މިސާލަކަށް އެއް ބިދޭސިއަކަށް ކަމެއް ދިމާވެގެން އެހެން މީހެއް ކައިރީ ކޮންތަނެއްގައިތޯ އެ ތަން ހުންނަތަން ކިޔައިދޭން ނޭނގޭ. ކުދިކުދި ނަމަވެސް ވަރަށް ބޮޑެތި ކަންތަކަށް މަލްޓިޕްލައި ވެގެންދާނެ އެކަހަލަ ކަންތައް. ބަޔޯމެޓްރިކްސް ކަންކަމާއި ދެން އެ ފަރާތުގެ ފޯނު ނަމްބަރުތަކާއި. ދެން ފާހަގަވެގެންދިޔަ އަހަރެއްވަންދެން މަސައްކަތްކޮށްފައި ތިބި ބިދޭސީން އެބަތިބި މޯބައިލް ނަމްބަރެއްވެސް ނުގެންގުޅޭ،" އޭނާ ވިދާޅުވިއެެވެ.
އެއީވެސް އެ މީހުންނާ މައުލޫމާތު ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުމެއްކަން ފާހަގަކުރައްވައި އަަޝްރަފް ވިދާޅުވީ ދެވަނަ ފޭސް ލޯންޗް ކުރާ އިރު، އެ ކަންތައްތައް ހައްލުކުރާނެ ގޮތެއް ރާވައިގެން ކުރިއަށްގެންދާނެ ކަމަށެވެ.
"ހުރިހާ ރަށެއްގައި އެއްފަހަރާ މި ފެށިގެން އެބަދޭ. ދިއުމާ އެއްކޮށް މީގެން ވަރަށް ބައިވަރު ކަންތައްތަކެއް ހައްލުވެގެންވެސް އެބަދޭ. މިސާލަކަށް، ހިންމަފުއްޓަށް ދިމައީމަ ޖެހިގެން އޮންނަ މާފުއްޓަށް، އަދި މާފުއްޓަށް ދިޔައީމަ ޖެހިގެން އޮންނަ ރަށަށް. މި ފަރާތްތައް ވޯކްވެސް ކުރާ ގޮތް. މިސާލަކަށް މާފުށީގައި ފުރަތަމަ ދުވަހު 200 ވަރަކަށް ބިދޭސީން އައީ. ވާނުވާގައި ވެސް އުޅުމާ އެއްކޮށް. އަޅުގަނޑުމެން (މިނިސްޓްރީން) ހަމަ ބިޒްނަސްތަކާއި ސްޓޭކް ހޯލްޑާސްތަކާ އެއްކޮށް ހަމަ ވަރަށް ރަނގަޅަށް ކިޔައިދިނިން މިވާ ގޮތް. ބުނިން ހިފައި ހައްޔަރުކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ނޫންކަން، މިވާ ހުރިހާ ގޮތް ކިޔައިދިނީމަ އައީ އޯވާ 600 މީހުން،" އަޝްރަފް ވިދާޅުވިއެވެ.
މިދިޔަ އެޕްރިލް މަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވަރަށް ގިނަ ކަމަށާއި ތިބި ބިދޭސީންގެ ޖުމުލަ އަދަދު އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ވޯކް ޕާމިޓް ރެކޯޑުތަކާ ދިމާކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު ކ. ހިންމަފުށީގައެވެ. ހިންމަފުށިން 532 ބިދޭސީއެއްގެ ބަޔޮމެޓްރިކް ޑާޓާ ވަނީ އެއްކޮށްފައެވެ. އަދި އޭގެ ދެވަނަ އޮޕަރޭޝަން ފެށީ ކ. މާފުށީގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު