ރާއްޖޭގައި މަސައްކަތްކުރުމަށް ގެނެސްފައިވާ ބިދޭސީން ފިލައިގެން ނުވަތަ ގެއްލިގެން ހޯދަން ހުށަހަޅާ "މިސިން ރިޕޯޓް" އަނބުރާ ގެންދާނަމަ، މައްސަލަ ހުށަހެޅި ފަރާތެއްގެ އަތުން 10،000 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓްރީން ބުނެފިއެވެ.

ހޯމް ލޭންޑުން މިއަދުކުރި އިއުލާނެއްގައި ބުނީ "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ އަމަލުކުރާނެ ގޮތުގެ އުސޫލު" އަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.

އެ އުސޫލުގައިވާ ގޮތުން މިސިން ރިޕޯޓްކުރާ ކޮންމެ ރިކުއެސްޓަކަށް، މިސިން ރިޕޯޓިން ފީގެ ގޮތުގައި 1،000 ރުފިޔާގެ ސާވިސް ފީއެއް ނަގާނެއެވެ. ބިދޭސީއަކަށް ވަޒީފާދޭ ފަރާތުގެ އިހުމާލުން ވޯކް ޕާމިޓް ހުއްދައިގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ 2،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ހޯމް ލޭންޑުން ބުންޏެވެ.

އަދި އެ އުސޫލުގައިވާ ގޮތުން ބިދޭސީއަކު ގެއްލިގެން ނުވަތަ ފިލައިގެން ހުށަހަޅާ ރިޕޯޓެއް އަނބުރާ ގެންދާނަމަ 10،000 ރުފިޔާގެ ސާވިސްފީއެއް ދައްކަން ޖެހޭނެ ކަމަށް ހޯމް ލޭންޑުން ބުންޏެވެ.

ހޯމް ލޭންޑުން ބުނީ ވަޒީފާ އަދާކުރާ ބިދޭސީއަކު ގެއްލިގެން ނުވަތަ ފިލައިގެން ރިޕޯޓްކޮށްފައިވާ ރިކުއެސްޓް އެކްސްޕަޓް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިއުމުގެ ފުރުސަތު އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އެގޮތަށް މިސިން ރިޕޯޓް އަނބުރާ ގެންދިއުމުގެ ފުރުސަތު އާދިއްތަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ދިނުމަށް ނިންމާފައިވާ ކަމަށް ހޯމް ލޭންޑުން ބުންޏެވެ.

"މި މުއްދަތު ހަމަވުމަށްފަހު، މިސިން ރިޕޯޓް ރިކުއެސްޓެއް އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ހުށަހަޅައިފިނަމަ، މިސިން ރިކުއެސްޓް ވިތްޑްރޯވަލް ފީގެ ގޮތުގައި 10،000 ރުފިޔާގެ ސާވިސް ފީއެއް ނެގޭނެ ކަމުގައި ދަންނަވަމެވެ..،" ހޯމް ލޭންޑުން ބުންޏެވެ.

މިނިސްޓްރީން ބުނީ އާދިއްތައިގެ ފަހުން އެކްސްޕެޓް ސިސްޓަމުގައި މިސިން ރިޕޯޓްކޮށްފައިވާ ބިދޭސީއެއްގެ މިސިން ރިޕޯޓް އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ބޭނުންވެއްޖެނަމަ، މިސިން ރިޕޯޓްކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މިސިން ރިޕޯޓް އަނބުރާ ގެންދަންވާނެ ކަމަށެވެ.

އެ މުއްދަތަށްފަހު މިސިން ރިޕޯޓް އަނބުރާ ގެންދިއުމަށް ހުށަހަޅައިފިނަމަ މިސިން ރިކުއެސްޓް ވިތްޑްރޯވަލް ފީގެ ގޮތުގައި 10،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ހޯމް ލޭންޑުން ބުންޏެވެ.

ބިދޭސީން ހޯދަން ރިޕޯޓް ހުށަހެޅުމާ ގުޅޭ މައުލޫމާތު އަންނަ އާދިއްތަ ދުވަހުން ފެށިގެން އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެ ކަމަށާއި 1500 އަށް ގުޅުމުން ވެސް އެ މައުލޫމާތު ލިބެން ހުންނާނެ ކަމަށް ހޯމް ލޭންޑުން ބުންޏެވެ. އަދި [email protected] މެއިލް ކޮށްގެން ވެސް މައުލޫމާތު ލިބެން ހުންނާނެ ކަމަށް ހޯމް ލޭންޑުން ބުންޏެވެ.