އިންޑިއާގެ ކޮވެކްސިން އަންނަ އަހަރުގެ ޖޫން މަހު ލިބެން ހުންނާނެ ކަމަށް ވެކްސިން އުފައްދާ ބާރާތު ބަޔޯޓެކް އިން ބުނެފިއެވެ.

ބާރާތު ބަޔޯޓެކް އިން އުފައްދަމުން އަންނަ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ މަރުހަލާގެ ޓެސްޓުތައް ހެދުމުގެ ހުއްދަތައް އިންޑިއާ ސަރުކާރުން މިހާރު ވަނީ ދީފަ އެވެ.

އެކުންފުނިން ވަނީ ވެކްސިން ބޭނުން ކުރުމަށް ޖޫން މަހަށް އަމާޒު ކަނޑައަޅާފައިވީ ނަމަވެސް އިންޑިއާ ސަރުކާރުން އިމަޖެންސީ ހުއްދައެއް ދީފި ނަމަ އެއަށްވުރެ އަވަސްވެސް ވެދާނެކަމަށް ބުނެފައެވެ.

އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗްގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ވިރޮލޮޖީ ގުޅިގެން ބާރަތު ބަޔޯޓެކް އިން އުފައްދާ ކޮވެކްސިން ބޭނުން ކުރާނީ އިންޖެކްޝަން ޖަހައިގެން ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

ކޮވެކްސިންގެ ފުރަތަމަ އަދި ދެވަނަ މަރުހަލާ ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު އެ ދެމަރުހަލާގެ ނަތީޖާ އަށް ބަލައި ތިންވަނަ މަރުހަލާ އަށް ވަނީ ހުއްދަ ދިނީ މިދިޔަ ހަފުތާގެ ފަހުކޮޅު އެވެ.