ލ. އަތޮޅު ގަމު ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ލ. ގަން، ތުނޑި، ކަޅައިދޫ، ފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލް ކޮށްފިއެވެ.
މި އަހަރުގެ މާޗު 22 ވަނަ ދުވަހު ގަމު ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ޕޮލިސް ލޯންޗެއްގައި ގަސްތުގައި އަލިފާން ރޯކޮށްލި މައްސަލައިގައި މޫސާ އިނާސްގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ދައުލަތުން ވަނީ އުފުލައިފައެވެ.
މި ދައުވާ ސާބިތު ވެއްޖެނަމަ އޭނާގެ މައްޗަށް 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަަށް ޕީޖީ އޮފީހުން މީގެކުރިން ވަނީ ބުނެފައެވެ.
ޓެރަރިޒަމްގެ ދައުވާގެ އިތުރުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމާއި ކުރެހުންތަކާއި ފޮޓޯ ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ އުފުލައިފައެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، މޫސާ އިނާސްގެ މައްޗަށް އެ ދައުވާ ކުރާ ސަބަބަކީ އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު، ފެނުނު ލެޕްޓޮޕެއްގެ ހާޑްޑިސްކު ތަހުލީލުކުރި އިރު އިސްލާމިކް ސްޓޭޓާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވުމުން ކަމަށެވެ.
މޫސާ އިނާސް ވަނީ 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު ސަލްޓަންޕާކްގައި ބާރު ގަދަ އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާއާ ގުޅިގެން 15 އަހަރަށް ޖަލަށް ލައިފައެވެ. އެކަމަކު ފަހުން ވަނީ އޭނާއަށް މައާފު ދީ މިނިވަން ކޮށްފައެވެ.
މޫސާ އިނާސަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ހިންގިކަމުގެ ދައުވާގެ އަޑުގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ މާދަމާ 2:15 އަށެވެ. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމާއި ކުރެހުންތަކާއި ފޮޓޯ ގެންގުޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ތާވަލް ކޮށްފައި އޮތީ 2:30 އަށެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް