އިންޑިއާގެ ކޮވެކްސިންގެ ތިންވަނަ މަރުހަލާ ކުރިޔަށް ގެންދިއުމަށް ހުއްދަދީފިއެވެ.

އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް އޮފް އިންޑިއާގެ އެކްސްޕާޓުންގެ ކޮމިޓީއަކުން ވަނީ އިންޑިއާގެ ބާރާތު ބަޔޯޓެކްއިން އުފައްދާފައިވާ ކޮވިޑް ވެކްސިން ކޮވެކްސިންގެ ޓެސްޓުތަކުގެ ފުރަތަމަ އަދި ދެވަނަ މަރުހަލާގެ ކަންކަން ކުރިޔަށްދިޔަ ގޮތާއި ޖަނަވާރުން ބޭނުންކޮށްގެން ހަދާފައިވާ ޓެސްޓުތަކަށް ބެލުމަށްފަހު ތިންވަނަ މަރުހަލާ ކުރިޔަށް ގެންދިއުމުގެ ހުއްދަ ދީފައެވެ.

ހައިދަރްއާބާދުގެ ބާރާތު ބަޔޯޓެކް އިން ވަނީ އެކުންފުނިން ހަދާ ޓެސްޓުތަކުގައި އުމުރުން 18 އަހަރުން މަތީގެ 28500 މީހުން ބޭނުންކުރާނެކަން ހާމަކޮށްފައެވެ. އަދި އިންޑިއާގެ 19 ސިޓީއެއްގައި މިޓެސްޓުތައް ހެދުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

ބާރާތު ބަޔޯޓެކްގެ އިތުރުން އިންޑިއާގެ ސެރުން އިންސްޓިޓިއުޓް އިން ވަނީ އެންސްޓްރާ ޒެނެކާ އާއި ގުޅިގެން އޮކްސްފޯޑުގެ ވެކްސިން އުފެއްދުމުގެ އިތުރުން އެވެކްސިންގެ ފަހުގެ މަރުހަލާތަކުގެ ޓެސްޓުތައް ވެސް ހަދަން ފަށައިފައެވެ.