ޒުވާނުން

ޒުވާނުންގެ 56 ޕަސެންޓް ވަޒީފާ އަދައެއް ނުކުރޭ، ތައުލީމު ހާސިލްކުރަމަކުން ނުދޭ

ޒުވާނުންގެ 56 ޕަސެންޓް އެއްވެސް ވަޒީފާއެއް އަދާ ނުކުރާ ކަމަށާއި އިތުރު ތައުލީމެއް އަދި ތަމްރީނެއް ހާސިލު ކުރަމުން ނުދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ގައުމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޒުވާނުންގެ 56 އިންސައްތަ އެއްވެސް ވަޒީފާއެއް އަދައެއް ނުކުރާ ކަމަށާއި ތައުލީމް ހާސިލްކުރަމުން ނުދާ ޒުވާނުންނާއި އެއްވެސް ތަމްރީނެއް ހާސިލް ކުރަމުން ނުދާ ޒުވާނުންވެސް ހިމެނޭ ކަމަށެވެ.

ތަފާސް ހިސާބުތަކުގައިވާ ގޮތުން ވަޒީފާއަދާ ނުކުރާ އަދި އެއްވެސް ތައުލީމެއް އަދި ތަމްރީނެއް ހާސިލް ކުރަމުންނުދާ ޒުވާނުންގެ ބޮޑު އަދަދެއް ހިއްސާ ކުރަނީ އަންހެނުންނެވެ. އެއީ 41 އިންސައްތަ އެވެ. ފިރިހެނުންގެ އިންސައްތައަކީ 15 އެވެ.

ޒުވާނުންގެ އެންމެ ގިނަ ބަޔަކު ތައުލީމް ހާސިލްކޮށްފައިވަނީ ސޯޝަލް ސައިންސް އާއި ބިޒްނަސް އަދި ލޯ ގެ ދާއިރާއިންނެވެ. ދެން އެޑިއުކޭޝަންގެ ދާއިރާއާއި ސައިންސް އަދި ހެލްތް އެންޑް ވެލްފެއާ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޒުވާނުންގެ އާބާދީގެ ބޮޑު ބަޔަކަށް ލިޔަންކިޔަން އެނގެ އެވެ. އެގޮތުން ޒުވާން އަންހެނުންގެ 98 ޕަސެންޓާއި ފިރިހެނުންގެ 98 އަކީ ލިޔަންކިޔަން ދަންނަ މީހުންނެވެ. އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން ދަންނަނީ 78 ޕަސެންޓް ފިރެހެނުންނަށާއި 74 ޕަސެންޓް އަންހެނުންނަށެވެ.

ތަފާސްހިސާބުން ދައްކާގޮތުގައި މިއަހަރަށް އަންދާޒާކުރެވޭ ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ 240،584 މީހުންނެވެ. އެއީ އާބާދީގެ 43 ޕަސެންޓެވެ. ރާއްޖޭގައި ޒުވާނުންގެ އާބާދީގެ ގޮތުގައި ބަލަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ.