ވިސްނުންފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ދިހަ ޕަސަންޓު ޒުވާނުންނަށް އަދި ދިހަ ޕަސަންޓު އަންހެނުންނަށް ހާއްސަކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޒުވާނުންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު މަޖިލީހުގައި 93 މެންބަރުން ތިބޭ އިރު، ދިހަ ޕަސަންޓަކީ ގާތްގަނޑަކަށް ނުވަ މެންބަރުން ކަމަށާއި ވިސްނުންފުޅަކީ ދިހަ ޕަސަންޓު 30 އަހަރުންދަށުގެ ޒުވާނުންނަށް ހާއްސަކުރުން ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމުގައި އޮތީ ޒުވާނުންނަށް 10 ޕަސަންޓު، އަދި 10 ޕަސަންޓު އަންހެން ބޭފުޅުންނަށް. އެހެން ކަމަށްވަންޏާ މިހާރު އޮތް ރައްޔިތުންގެ މަޖިލިސް، 93 ސީޓްސް މި އިންނަނީ، މި އަދަދަކީ ވެސް އިތުރުވެގެންދާ އެއްޗެއް. އަޅުގަނޑުގެ ރިފޯމް އެޖެންޑާގެ ތެރެއިން އެ އަދަދު އިތުރުނުވާނެ ގޮތް ހަދަން ވެސް ގަސްދުކުރަން. އެއީ ވެސް ގާނޫނީ ނިޒާމުން ގެނެވޭ ބަދަލުން ކުރެވޭނެ ކަމެއް. 5000 އިން އާބާދީ އިތުރުވެގެންދާ ވަރަކަށް މިދަނީ އަދަދު އިތުރުވަމުން. 77 އިން ފެށި އަދަދެއް މިހާރު މިއޮތީ 93 އަށް ގޮސްފައި. މިހާރު 93 މެންބަރުން ތިބޭ އިރުގައި، 10 ޕަސަންޓު އެއީ ގާތްގަނޑަކަށް ނުވަ މެންބަރުން. ޒުވާން ބޭފުޅުން 30 އަހަރުންދަށުގެ ނުވަ މެންބަރުން، އަންހެން ބޭފުޅުން ނުވަ މެންބަރުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ އެ މަނިކުފާނުގެ ހިޔާލެއް ކަަމަށާއި އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރާނީ ކޮން ދާއިރާތަކެއްތޯ ވެސް ނިންމަންޖެހޭ ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލު އިންތިހާބުގައި މިހާރު އަމަލުކުރާ ގޮތަށް، މަޖިލީހުގެ ކޮންމެ އިންތިހާބަކާ ދިމާކޮށް ގުރުއަތުން އެކަން ނިންމިދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގެ އާބާދީގެ އެންމެ މުހިންމު ސެކްޓާ، ރާއްޖޭގެ މުސްތަގުބަލަށް އެންމެ ބޮޑަށް ކޮންޓްރިބިއުޓްކުރާނެ ސެކްޓާ، ޒުވާނުންގެ ބާރުވެރިކަމެއް ނޫނީ ބައިވެރިވުމެއް، ރިޕްރެޒެންޓޭޝަނެއް މިހާތަނަށް ސިސްޓަމް ތެރޭގައި ސިސްޓަމެޓިކަލީ ކަނޑައެޅިފައެއް ނެތޭ. ފުރުސަތު އެބައޮތް ކުރިމަތިލާން. ކުރިމަތިލައިގެން ނުއެއް ހޮވޭ. އެހެންވީމާ ކުރިއަށްއޮތްތަނުގައި ގެނެވޭ ރިފޯމްތަކުގެ ތެރެއިން މަޖިލީހުގެ ނޫނީ ޕާލިމަންޓުގެ ވަކި ޕަސަންޓޭޖެއް، ވަކި އިންސައްތައެއް އެއީ ޒުވާނުންނަށް، އޭގެ ތެރެއިން ވެސް އަޅުގަނޑު މި ހުށަހަޅަނީ، އަޅުގަނޑުގެ ވިސްނުމަކީ 30 އަހަރުން ދަށުގެ ޒުވާނުންނަށް އިސްކަންދެވޭ ގޮތަށް، ވަކި އިންސައްތައެއް މަޖިލީހުގެ ކޯޓާއެއް ކަނޑައަޅަން އަޅުގަނޑު ބޭނުންވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޖިލީހުގެ ވަކި އިންސައްތައެއް ކަނޑައަޅާފައި ޒުވާނުންނަށް ފުރުސަތުދިނުމުން އެއީ ޒުވާނުން ބާރުވެރިކުރުމަށް ފުރުސަތު ލިބިގެންދާނެ ގޮތެއް ކަމަށާއި ހުރިހާ ފަރާތްތަކެއްގެ ހިޔާލުތަކާއެކު ގާނޫނަށް އިސްލާހު ގެނެސްގެން ޒުވާނުންނާއި އަންހެނުންނަށް އެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު